ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މި ފަހަރު ވެސް ނަޒީހު

ކިޔުމަށް ހޭދަވާނީ 1މ 44ސ
ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މި ފަހަރު ވެސް ނަޒީހު
ނިމިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީއަށް ކޯޗުކަން ކޮށްދިން މުހައްމަދު ނަޒީހު، މި ފެށޭ ސީޒަންގައި ވެސް އެ ކްލަބްގެ ކޯޗުގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މިދިޔަ ސީޒަންގައި އެ ކްލަބްގެ ކޯޗުކަމަށް ނަޒީހު ހަވާލުވީ އެ ކްލަބްގެ ކުރީގެ ކޯޗު މުހައްމަދު އާތިފު (އާތީ)، ކޯޗުކަމުގެ މަޤާމުން އިސްތިއުފާ ދިނުމުންނެވެ.

ޔުނައިޓެޑް ވިކްޓަރީއިން ބުނެފައިވަނީ ފެށޭ ސީޒަނަށް ތައްޔާރުވުމަށްޓަކައި މި ފަހަރު ވެސް އެ ކްލަބްގެ ކޯޗުކަމަށް ނަޒީހު ހަމަޖައްސައި ކުޅުންތެރިން ގެނައުމުގެ މަސައްކަތްކުރަމުން ދަނީ ނަޒީހުގެ އިރުޝާދުގެ ދަށުންކަމަށެވެ. އެ ގޮތުން، ޔުނައިޓެޑް ވިކްޓަރީން ވަނީ އެ ޓީމުގައި ތިބި ބައެއް މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އާކޮށްފައެވެ. އޭގެ ތެރޭގައި ޓީމުގެ ކެޕްޓަން ހުސައިން ޝިމާޒު (ކޮކީ)، ޢަބްދުލްވާހިދު (ވައްޑެ)، ނާވީ މުހައްމަދު، އަދި އަހުސަން ނައީމް ހިމެނެއެވެ.

މީގެ އިތުރުން، ޔުނައިޓެޑް ވިކްޓަރީއިން ވަނީ ކުރިން އެ ޓީމަށް ކުޅެފައިވާ، އަދި މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު ޢަލީ ހައިޝަމް (ޗުއްޕު) އަލުން އެ ޓީމަށް ގެނެސްފައެވެ. އަދި ވިކްޓަރީގެ ކުރީގެ ކީޕަރު ޠަލާލް ހަސަން ވެސް ވަނީ އެ ޓީމަށް ގެނެސްފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ގެނައުމުގެ މަސައްކަތް ޔުނައިޓެޑް ވިކްޓަރީއިން ދަނީ ކުރަމުންނެެވެ.

ނަޒީހުގެ އިރުޝާދުގެ ޔުނައިޓެޑް ވިކްޓަރީ މިދިޔަ މާލޭ ލީގުގައި މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މިދިޔަ ސީޒަންގެ މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި، ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނެވެ. މި ފެށޭ އާ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ އެންމެ ފުރަތަމަ ކުޅޭނީ އަންނަ މަހު ފެށޭ އެސްޓީއޯ މާލޭ ލީގުގައެވެ.

ޔުނައިޓެޑް ވިކްޓަރީގެ އެންމެ ކާމިޔާބު ދުވަސްތައް އައިސްފައިވަނީ އާތީގެ ކޯޗުކަމުގެ ދަށުންނެވެ. އެ ގޮތުން، އާތީގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވިކްޓަރީ ވަނީ ފުރަތަމަ ޑިވިޝަން ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިފައެވެ.

މިއަދު އޮންލައިން