އިންޑިއާގެ ސްރީނަގަރުގެ ބައެއް ސަރަހައްދުތަކުގައި ފިނިގަދަވުމުގެ ސަބަބުން ބައެއް ބޮޑެތި ކޯރުތަކުގެ ބައިތައް ގަނޑުވުމުގެ އިތުރަށް ފެންހޮޅިތައް ބެދި ފެން ލިބުން ދަތިވެއްޖެއެވެ.
އެ ސަރަހައްދުތަކުގައި އިއްޔެ ފިނިމިން ހުރީ މައިނަސް 6.1 ޑިގްރީ ސެލްސިއަސްގައެވެ. ސްރީނަގަރުގެ އިތުރުން ޖައްމޫ ކަޝްމީރުގެ އެހެން ބައެއް ސަރަހައްދުތަކުގައިވެސް ވަނީ މިވަރަށް ފިނި ގަދަވެފައެވެ.
ފިނިގަދަވެފައިވާ ސަރަހައްދުތަކަށް ކަރަންޓު ކެނޑުމުގެ މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ. މިސަރަހައްދަށް ކޮންމެ އަހަރަކުވެސް މިފަދަ މައްސަލަތައް ކުރިމަތިވެއެވެ. ނަމަވެސް މިއަހަރު ފިނިމިން މާގަދަ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ހޫނުގަދަވެ ކެތް ނުކުރެވޭ އިންޑިއާގެ ވެރިރަށް ދިއްލީގައިވެސް އިއްޔެ ފިނިމިން ހުރީ 5 ޑިގްރީ ސެލްސިއަސްގައެވެ. ފިނިމިން މިހައި ގަދަވެފައި ހުރިއިރު އަންނަ ފިނިވައިރޯޅީތަކުގައި ފިނިމިން އެތައް ގުނައަކަށް މަތިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.