ސިޔާމް މައުރޫފު ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރު ނިއުއަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 58ސ
ސިޔާމް މައުރޫފު ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރު ނިއުއަށް ސޮއިކޮށްފި
ނިމިގެންދިޔަ ސިޔާމް މައުރޫފު ސޮކާ ކަޕް ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމު ހޯދި ހަސަން ޢަބްދުލްހަކީމް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއަށް ސޮއިކޮށްފިއެވެ.

އުމުރުން 16 އަހަރުގެ ޒުވާން ކީޕަރު ހަސަން ވަނީ މިލަދޫއަށް ސޮކާ ކަޕްގެ ޗެމްޕިއަންކަން ހޯދުމުގައި އިސް ރޯލެއް އަދާކޮށްފައެވެ. އެ މުބާރާތުގައި ހަސަންގެ ފަރާތުން ހުޝިޔާރު ދިފާއުތަކެއް ފެނިގެން ގޮސްފައިވެއެވެ.

ހަސަން ނިއުއަށް ސޮއިކުރުމާއެކު، މި ފެށޭ އާ ސީޒަންގައި ހަސަން ހިމެނޭނީ ނިއުގެ ސީނިއާ ޓީމުގެ ސްކޮޑްގައިކަމަށް ނިއުއިން ވަނީ ބުނެފައެވެ. ހަސަންއާއެކު ނިއުގެ ސީނިއާ ޓީމުގައި ހިމެނޭ ގޯލްކީޕަރުންނަކީ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު އަދި ޤައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ.

މި ފެށޭ ސީޒަންގައި އޭއެފްސީ ކަޕްއުން ޖާގަ ހޯދައިފައިވާ ނިއުއިން އަންނަނީ އެ ޓީމުގެ ސްކޮޑް ވަރުގަދަކުރުމަށްޓަކައި މަސައްކަތްކުރަމުންނެވެ. އެ ގޮތުން ނިއުއިން ވަނީ މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު އެޓޭކިން މިޑްފިލްޑަރު މުހައްމަދު އުމައިރު، ވެލެންސިއާއަށް ކުޅުނު ފުލްބެކް ހިޝާމް ސަލީމް (ކޮކީ)، އީގަލްސްގެ ކެޕްޓަންކަން ކުރި އިމްރާން ނަޝީދު (އިންމަ)، އަދި ޔޫތް ޗެމްޕިއަންޝިޕްގައި މާޒިޔާއަށް ކުޅެ އެންމެ ގިނަ ލަނޑު ޖަހައި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އިބްރާހިމް އަތީގު ހަސަން ނިއުއިން ވަނީ ގެނެސްފައެވެ.

އަދި ނިއުގައި ތިބި މުހިންމު ގިނަ ކުޅުންތެރިންގެ އެއްބަސްވުން ވަނީ އާކޮށްފައެވެ. އެ ގޮތުން ދެ ގޯލްކީޕަރު އިމްރާނާއި ފައިސަލްގެ އިތުރުން ރިލްވާން ވަހީދު (ރިލޭ)، އަކްރަމް ޢަބްދުލްޣަނީ، ހަސަން އަދުހަމް (ސަޑޭ)، މިދުހަތު ފަހުމީ (ބިޗަޑު)، ސްޕެނިޝް މިޑްފިލްޑަރު ކަންޑޭލާ އެއްބަސްވުން އާކުރިއެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެމަޤާމު ހޯދި ޢަލީ ފާސިރު (ސެންޓޭ) ވަނީ ނިއުއާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން ނިއުއިން އަންނަނީ ތިން ބިދޭސީ ކުޅުންތެރިން އެ ޓީމަށް ގެންނަން މަސައްކަތްކުރަމުންނެވެ. ނިއުއިން ވަނީ އެ ޓީމުގެ ކޯޗު އޮސްކާ ބްރޫޒޮންގެ އެއްބަސްވުން ވެސް އާކޮށްފައެވެ.
މިއަދު އޮންލައިން