އިންޑިއާގެ މަގުތަކުގައި ވެހިކަލްތައް އިތުރުވެ ތޮއްޖެހެމުންދާތީ އެކަމަށް ޙައްލެއް ހޯދުމުގެ ތެރެއިން އުދުހޭ ރިކްޝޯ ނުވަތަ ދިވެހިން ކިޔާގޮތަށް ނަމަ ކުރޮޅި އުފައްދަން ވިސްނަން ފަށައިފިއެވެ.
ޔޫނިއަން މިނިސްޓަރ ފޮރ ސިވިލް އެވިއޭޝަން ޖަޔަންތް ސިންހަ ވިދާޅުވީ އެއްގަމު މަގުން ދަތުރުކުރުމާއި ވައިގެ އުދުހުންތަކަށްބަލާއިރު އަގު އެއްގޮތް ކަމަށެވެ. އެގޮތުން ބަލައިފިނަމަ އެއްގަމު މަގުން ދަތުރުކުރުމަށް ކިލޯމީޓަރަކަށް ޚަރަދުކުރަންޖެހޭ ވަރާއި ވައިގެމަގުން އުދުހެން ކުރަންޖެހޭ ޚަރަދު އެއްވަރު ކަމަށެވެ.
"އެއާ ޓިކެޓް މާ އަގުބޮޑުކަމަށް އެ ދައްކަނީ އެތައް ހާސް ކިލޯ މީޓަރަކަށް އުދުހެންޖެހޭތީ. ދަތުރުގެ ދުރުމިން ރަނގަޅަށް ބެލީމަ ވަނީ އެއްގޮތް."
މިނިސްޓަރު ވިދާޅުވީ މިކަމުގައި ޑްރޯން މޮޑެލަކަށް ބެލިދާނެ ކަމަށެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ނުކުރެވޭވަރުގެ ކަމެއް ނޫން ކަމަށާއި މިކަން ކުރެވޭނެ ރަނގަޅު ގޮތެއް އީޖާދުކުރަން ވެސް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.