ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ ނަން މަޝްހޫރު ފަސް ތަރީގެ ހޮޓަލެއްކަމަށްވާ ރިޒް ހޮޓަލުގެ ގަހަނާ ފިހާރައަކުން ވައްކަންކޮށްފިއެވެ.
ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މޫނު ފޮރުވައިގެން ހަތިޔާރު އަޅައިގެން ތިބި ބަޔަކު ގަހަނާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިގެ ތެރެއަށް ވަދެގެން ވައްކަންކޮށްފައިވާ ވަނީ ފްރާންސް ގަޑިން އިއްޔެ އިރުއޮއްސޭ ހައެއް ޖަހާކަށްހާއިރުކަމަށެވެ.
މި ވައްކަމުގައި ނަގާފައިވާ ގަހަނާތަކުގެ އަގު 4 މިލިއަން ޔޫރޯއަށް އަރާނެކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ހޮޓަލުގެ ބޭރުގައި ހަރަކާތްތެރިވަމުންދިޔަ ފްރާންސްގެ ފުލުހުން، މި ވައްކަމުގައި އުޅުނު ފަސް މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވާކަމަށާއި ދެން އުޅުނު ދެ މީހުން ސައިކަލުގައި ދުއްވާފައި ގޮސް ފިލާފައިވާކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެފައިވެއެވެ.
ފްރާންސްގެ މީޑިއާތަކުގައިވާ ގޮތުން، އިއްޔެ ކުރި މި ވައްކަމުގައި އެއްވެސް ގަހަނާއެއް ލިބިފައިވާކަމަށް ފުލުހުން ހާމަނުކުރާކަމަށް ވެއެވެ.
ރިޒް ހޮޓަލަކީ ގެލެރީ ޝޮޕިން އޭރިއާކާއި އަގުބޮޑު ހެދުން، ގަހަނާ، ގަޑި ފަދަ ތަކެތި ވިއްކާ ފަސް ފިހާރައެއް ހިމެނޭ، އެ ޤައުމުގައި ހުރި އެންމެ 'ލަކްޒަރީއަސް' އަދި އަގުބޮޑު އެއް ފަސް ތަރީގެ ހޮޓަލެކެވެ.