ކްލަބް އީގަލްސްގެ ކޯޗުގެ މަޤާމަށް މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސައިފިއެވެ.
އީގަލްސްގެ ކޯޗަކަށް މޯހަން ހަމަޖައްސާފައިވަނީ ވޭތިވެދިޔަ ސީޒަންތަކުގައި އެ ޓީމުގެ ކޯޗުގެ މަޤާމުގައި ހުރި އިހުސާން ޢަބްދުލްޣަނީ (ސާންތީ) އެ މަޤާމުން ވަކިވުމާ ގުޅިގެންނެވެ. ސާންތީ މި ވަގުތު ހުރީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަޤާމުގައެވެ.
މިދިޔަ ސީޒަންގައި މޯހަން ކޯޗުކަން ކޮށްދީފައިވަނީ ދ.ކުޑަހުވަދޫ ޓީމަށެވެ. މޯހަންގެ އިރުޝާދުގެ ދަށުން ކުޑަހުވަދޫ ވަނީ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ޕްރެމިއާ ލީގުގައި ވެސް ވާދަކޮށްފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި މޯހަން ވަނީ ފުރަތަމަ ޑިވިޝަންގައި ނިއު ރޭޑިއަންޓްއާއި ކްލަބް ވެލެންސިއާއަށް ވެސް ކޯޗުކަން ކޮށްދީފައެވެ. އެ ގޮތުން، މޯހަންގެ އިރުޝާދުގެ ދަށުން ނިއު ވަނީ ދިވެހި ލީގާއި ޕްރެސިޑެންޓްސް ކަޕް ފަދަ މުބާރާތްތައް ކާމިޔާބުކޮށްފައެވެ.
މި އަހަރުގެ ސީޒަނަށް އީގަލްސް ނުކުންނައިރު އެ ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ވަނީ ޓީމު ދޫކޮށް އެހެން ޓީމުތަކަށް ބަދަލުވެފައެވެ. އެ ގޮތުން، ވޭތުވެ ސީޒަންގައި ޓީމުގެ ކެޕްޓަން ބޭންޑާ ހަވާލުވެގެން ހުރި އިމްރާން ނަޝީދު (އިންމަ) ނިއުއަށް ބަދަލުވިއިރު، ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) ވަނީ މާޒިޔާއަށް ބަދަލުވެފައެވެ.
އީގަލްސްއިން ބުނި ގޮތުގައި، މި ފެށޭ ސީޒަނަށް ތައްތާރުވުމަށްޓަކައި ސްރީލަންކާ ގޯލްކީޕަރު ސުޖަން ޕަރޭރާގެ އިތުރުން ދެ ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޓީމުގެ ބައެއް ކުޅުންތެރިންނާއެކު ވަނީ އެއްބަސްވުން އާކޮށްފައެވެ.