މައްކާގައި ހަރަމްފުޅާއި މަޤާމް އިބްރާހީމް (އިބްރާހީމްގެފާނުގެ މަޤާމްފުޅު) އާއި ގުޅޭސުވަނިއަރ ވިއްކުން ސަރުކާރުން މަނާކުރުމުން ގިނަ ބައަކު ކަންބޮޑުވެއްޖެއެވެ.
ގިނަ ބައަކު ބުނަނީ އެފަދަ ސުވެނިއަރތަކަށް މައްކާއަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި އެފަދަ ސުވެނިއަރތައް ގިނަ ބައަކު ދަނީ ރަނގަޅު އާމްދަނީއެއް ހޯދަމުން ކަމަށެވެ.
ސަރުކާރުން ބުނަނީ އެފަދަ ތަކެތި ވިއްކުން މަނާކުރަނީ އެތަންތަނުގެ ޙުރުމަތްތެރިކަން ދިފާއުކުރުމަށް ކަމަށެވެ.
ކޮމަރސް މިނިސްޓްރީގެ ޓީމްތަކުން ގެންދަނީ އެފަދަ ތަކެތި ވިއްކާ ފިހާރަތަކަށް ޒިޔާރަތްކޮށް ތަކެތި ނަގަމުންނެވެ. އެމިނިސްޓްރީން ބުނީ އެކަމަށް ފިހާރަތަކުގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.
ބައެއް އިލްމުވެރިން ވިދާޅުވަނީ އެމީހަކު ބޭނުންހައި ގޮތަކަށް އެފަދަ ތަންތަނުގެ ސުވަނިއަރތައް ހެދުމުން އެތަންތަނުގެ ޙުރުމަތްތެރިކަމަށް އުނިކަން އަންނަ ކަމަށެވެ. އަދި އެފަދަ ތަކެތި ގެންގޮސް އެކަށީގެންނުވާ ގޮތްގޮތަށް ބޭނުންކުރުމާއި އެކަށީގެންނުވާ ތަންތަނުގައި ބެހެއްޓުމަކީ ކުރަން ރަނގަޅުކަމެއް ނޫން ކަމަށެވެ.
ޙައްޖަށާއި އުމުރާއަށްދާ މީހުން އެފަދަ ތަކެތި ގެންދަނީ ދަތުރުގެ ހަނދާނަކަށެވެ.