އިންޑިއާގެ ފަޤީރަކު ފަރުބަދަ ކަނޑައިގެން ދަރިވަރުންނަށް 8 ކިލޯމީޓަރުގެ މަގުހަދައި ސްކޫލަށްދާން ފަސޭހަކޮށްދީފި
އަވަށުގެ ދަރިވަރުން ސްކޫލަށްދާން ފަސޭހަކޮށްދިނުމަށްޓަކައި އިންޑިއާގެ އޮޑިއްސާ ސްޓޭޓުގެ ފަޤީރު ދަނޑުވެރިއަކު ފަރުބަދަ ކަނޑައިގެން 8 ކިލޯ މީޓަރުގެ މަގެއް ހަދައިދީފިއެވެ.
މި މަގު ހެދުމަށްޓަކައި އުސްތަންތަނުން ވެލި ނެގުމަށާއި ފަރުބަދައިގެ ބައިތަށް ކެނޑުމަށް އުމުރުން 45 އަހަރުގެ ނަޔަކު އާއި އޭނާގެ 3 ފަރިހެން ދަރިން 3 އަހަރު ދުވަހު، ކޮންމެ ދުވަހަކު ވަނީ އެތައް ގަޑިއިރެއްވަންދެން ހިލޭ ސާބަހަށް މަސައްކަތްކޮށްދީފައެވެ.
ނަޔަކު ބުނީ މިއީ އަވަށުގެ ދަރިވަރުންނަށް ދުރު މަގަކުން ސްކޫލަށް ދާންޖެހުމުން ލިބޭ ތަކްލީފްތަކަށް ކެތް ނުކުރެވިގެން އޭނާ ކުރި މަސައްކަތެއް ކަމަށެވެ. މި ބޮޑު މަސައްކަތްކުރާނެ ޒަމާނީ ހަތިޔާރު ނެތުމުން އޭނާ މަސައްކަތްކުރީ އުދަލި، ފަކީރާ އަދި ދަގަނޑު ފޭރާ ފަދަ ތަކެތި ބޭނުންކޮށްގެންނެވެ.
މަގުހަދައި ނިމި ދަރިވަރުން ބޭނުންކުރަން ފެށުމުން ސަރުކާރުން މިހާރު ގެންދަނީ އެނާގެ ޚިދުމަތަށް ތައުރީފްކުރަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ކުރިނަމަ އެތައް ކުރޯޑް ރުޕީސް އެއް ޚަރަދުކުރަންޖެހޭނެ ބޮޑު މަސައްކަތް އަމިއްލައަށް ކުރި ދަނޑުވެރިޔާއަށް ފައިސާގެ އެއްވެސް އިނާޔަތެއް ދޭން އަދިވެސް ނިންމާފައެއް ނުވެއެވެ. ދައްކަނީ މެޑޭލްޖެހުމުގެ ވާހަކަތަކެވެ.