ޝާނީގެ މަންމަ ޕެރަލައިޒްވީ ޝާނީގެ އުމުރުން އެންމެ 13 އަހަރުގައެވެ. އެދުވަހުން ފެށިގެން މަންމަގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިއައީ ޝާނީއެވެ. ބައްޕައަށް ލިބޭ މަދު ފައިސާކޮޅުން ގޭތެރޭގެ ޚަރަދުތައްވެސް ހަމަޖައްސަމުންނެވެ.
މަންމަ ޕެރަލައިޒް ވުމާއިއެކު ޝާނީ ނިންމީ ސްކޫލަށް ދިއުންވެސް ހުއްޓާލުމަށެވެ. އަދި ވަގުތުވީ ވަރަކުން ގޭގައި ކިޔަވައިގެން ލިބުނު ޢިލްމެއް ޙާޞިލުކުރުމަށެވެ.
ޝާނީގެ ދޮށްޓަށް ތިބެނީ 2 ބޭބެއިންނެވެ. އެއީ ފިރިހެންކުދިން ކަމަށްވުމުން މަންމަ ތާހިރުކޮށް ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހަގަށް ތިބީ ދެ އަންހެން ކުދިންނެވެ. 9 އަހަރާއި 7 އަހަރުގެ ދެކުދިންކަމަށްވުމުން މަންމަ ބެލެހެއްޓުމަކީ އެކުދިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މަންމަ ބަލަހައްޓަން ބައްޕަ ގޭގައި ހުރެއްޖެނަމަ ލާރިއެއް ލިބޭނެ ގޮތެއް ނެތެވެ. މިހުރިހާ ސަބަބުތަކަށްޓަކައި ޝާނީއަށް އެ ނިންމުން ނިންމަން މަޖުބޫރުވީއެވެ.
ޝާނީ ބޮޑުވެގެން އައިއިރު ޝާނީ އަކީ އަވަށުގެ އެންމެ ރީތިކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އެހެންކަމުން ކައިވެންޏަށް އެދި ގިނަ ޒުވާނުން ޝާނީއަށް ހުށަހަޅަމުންދިއައެވެ. ޝާނީގެ ގެވެހިކަން ވެގެންދިއައީ ގިނަ ބައެއްގެ ސަމާލުކަން ޝާނީއަށް އަމާޒުވި އެންމެ ބޮޑު ސަބަބެވެ.
ޝާނީ އެންމެންނަށްވެސް ދިން ޖަވާބަކީ އޭނާގެ ހުރިހާ ސަމާލުކަމެއް ދޭން ބޭނުމީ މަންމައަށް ކަމަށެވެ. ކައިވެންޏެއް ކޮށްފިނަމަ ކުރިމަތިވާނީ މައްސަލަތައް ކަމަށެވެ. ކައިވެނިކުރަން އުޅޭއިރު ޤަބޫލު ކަމަށް ބުނި ނަމަވެސް ކައިވެންޏަށްފަހު އެކަށީގެންވާ ގޮތަކަށް އަޅައި ނުލެވޭނަމަ މައްސަލަތައް ނުކުންނާނެ ކަމަށެވެ. ކައިވެންޏެއް ކުރަން ބޭނުންވަނީ ހުރިހާ ސަމާލުކަމެއް ފިރިމީހާއަށް ދެވޭނެ ގޮތަށް ކަމަށެވެ.
ޝާނީގެ މަންމަ ނިޔާވީ ޝާނީ އޭނާގެ މަންމަ ބަލަހައްޓަމުން ގެންދާތާ 27 އަހަރުފަހުންނެވެ. ޝާނީގެ އުމުރުން 40 އަހަރުގައެވެ.
ޝާނީގެ މަންމަ ނިޔާވިތާ ކުޑަދުވަސްކޮޅެއްގެތެރޭގައި ޝާނީއަށް މަސައްކަތެއް ލިބުނެވެ. އަވަށުގެ މުއްސަނދި އާއިލާއަކަށް ޚިދުމަތްކުރުމަށެވެ. އެމަސައްކަތް ޝާނީ ޤަބޫލުކުރީ ކިޔެވިފައި ނެތުމުން ރަނގަޅު ވަޒީފާއެއް ނުލިބޭނެތީއެވެ.
ވަޒީފާ ގައި އުޅޭތާ ދުވަސްކޮޅެއްވީތަނާ ޝާނީގެ ސާހިބުން ދުބާއީއަށް ދަތުރެއް ކުރަން ނިންމިއެވެ. އަދި އެ ދަތުރުގައި ޝާނީ ވެސް ގެންދަން ނިންމިއެވެ. ޝާނީ ދަތުރު ދިއައީ ހުސްއަތާއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތުމުންނެވެ.
އެއީ މިދިއަ އަހަރުގެ އެޕްރިލް މަހެވެ. ދަތުރު ނިންމާފައި ފުރަން އައިސް ތިބުމުގެ ތެރޭގައި ސާހިބު މީހާ ޑިޔުޓީ ފްރީން ކޮންމެ މީހަކަށް ރެފްލް ޓިކެޓެއް ގަތެވެ. ޝާނީއަށްވެސް ޓިކެޓެއް ދިނެވެ.
ޝާނީ އެޓިިކެޓް ބަލައިގަތީ އެއީ ވަރަށް އަގު ބޮޑު އެއްޗެއްކަމުގައި ދެކެމުންނެވެ. ޓިކެޓްގެ އަގަކީ 50 ދިރުހަމް ނަމަވެސް ކުއްލިއަކަށް 50 ދިރުހަމްގެ ކަރުދާސްކޮޅެއް ނަމަވެސް ލިބުން ޝާނީއަށް ވެގެންދިއައީ ވަރަށް ބޮޑު ކަމަކަށެވެ.
އެނބުރި ޤައުމަށް ގޮސް ޝާނީ އެޓިކެޓް ވަރަށް ރަނގަޅަށް ރައްކާކުރިއެވެ. ކޮންމެވެސް ދުވަހަކުން އެއަށް ކޮންމެވެސް އެއްޗެއް ލިބިދާނެކަމުގެ ފޮނި އުންމީދު އޮތުމުންނެވެ.
މިދިއަ އަހަރުގެ ޖުލައި މަހު ޝާނީ ވަނީ ކައިވެންޏެއްވެސް ކޮށްފައެވެ. ފަޤީރު ދަނޑުވެރިއަކާއިއެވެ. ދުވާލު ސާހިބުންނަށް ނޯކިރީ ކޮށްދިނުމަށްފަހު ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ ފިރިމީހާ އާއިއެކުގައެވެ. އޭނާގެ ޖިފުޓީގައެވެ. ވަގުތު ހޯދައިގެން ގެއަށް ގޮސް މުސްކުޅިވެ ބަލިއެނދުގައި އޮންނަ ބައްޕައަށް ވެސް ޚިދުމަތްކުރެއެވެ.
މިދިއަ އަހަރުގެ ނޮވެމްބަރު މަހެވެ. މެންދުރު ކާން އިންދައި ސާހިބު މީހާއަށް ފޯނުކޯލެއް އައެވެ. އަދި ފޮޓޯއެއްވެސް ފޯނަށް ލިބުނެވެ. އެއަށްފަހު ހިނިތުންވެލާފައި ބުނެލިއެވެ.
ޝާނީއެވެ. ޝާނީ އަހަރެމެންނަށްވުރެ މާ މުއްސަނދިވީއެވެ. ދެން ޘާނީ އަހަރެމެން ދުކޮށްލާނީ ހެއްޔެވެ؟
ދޭނެ ޖަވާބެއް ޝާނީއަކަށް ނުއެނގުނެވެ. ވެގެން މިއުޅެނީ ކިހިނެއްކަންވެސް ނުއެނގޭތީއެވެ. ހިނިތުންވެލައިގެން ސާހިބުންނަށް ބަލަހައްތައިގެން ހުރީއެވެ.
"ޝާނީއެވެ. ދުބާއީއަށް ދާން ފުރަން ތައްޔާރުވާށެވެ. މިހަފްތާގެ ގުރުވަތުން 1 ވަނައަށް ހޮވިފައިވަނީ ޝާނީގެ ޓިކެޓެވެ. ބޮޑު އިނާމެއް ލިބޭނެއެވެ. ހަވާލުވާން ދާންވީއެވެ." ނަމަވެސް އިނާމަކަށް ލިބެނީ ކޮން އެއްޗެއް ކަމެއް ސާހިބު މީހާ ނުބުނެއެވެ.
ސާހިބު މީހާ އާއި އެނާގެ އަނބިމީހާ ޝާނީ ގޮވައިގެން ދުބާއީއަށް ދިއައެވެ. އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ބާއްވާފައި ޝާނީ އާއި ހަވާލުކުރީ 2 މިލިއަން ދިރުހަމްގެ ޗެކެކެވެ.
ޝާނީ ނިޞްބަތްވަނީ އިންޑިއާގެ ކެރަލާ ސްޓޭޓަށެވެ. ޝާނީގެ އުންމީދަކީ ބައްޕައާއި އެއްބަނޑުކުދިންގެ ގެ ރަނގަޅު ފެންވަރަކަށް ހަދައިދިނުމެވެ. އެއަށްފަހު ޝާނީގެ ނަމުގައި ކުޑަވަރެއްގެ ގެއެއް ގަތުމެވެ. ޢާއިލާގައި ކިޔަވައިގެން ތިބި ކުދިން ތިބުމާއިއެކު ޢާއިލީ ވިޔަފާރިއެއްގެ ގޮތުގައި ވިޔަފާރިއެއްވެސް ފެށުމެވެ. ޝާނީގެ ފިރިމީހާ ހުރީ ޝާނީއަށް ލިބުނު ފައިސާ ޝާނީ ބޭނުން ކަމަކަށް ޚަރަދުކުރަން ރުހިގެންނެވެ.