އަހަރެންގެ ކޮއްކޮ މަތިން ތިގޮތަށް ހަނދާން ކުރާނީ ކިތައް ދުވަސް ވަންދެން؟ - ޒައިނަބްގެ ދައްތަ

ކިޔުމަށް ހޭދަވާނީ 3މ 14ސ
އަހަރެންގެ ކޮއްކޮ މަތިން ތިގޮތަށް ހަނދާން ކުރާނީ ކިތައް ދުވަސް ވަންދެން؟ - ޒައިނަބްގެ ދައްތަ
މިއަހަރުގެ މިހާތަނަށް މުޅި ދުނިޔެ ސިއްސުވާލި އެއް ހާދިސާއަކީ، ޕާކިސްތާނުގެ ކާސޫރްގައި، ރޭޕްކޮށް ރަހުމް ކުޑަ ގޮތަކަށް އަނިޔާކޮށް މަރާލި އުމުރުން ހަ އަހަރުގެ ޒައިނަބް އާމިން ގެ ހިތާމަވެރި މަރުގެ ހަދިސާއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ވުޟޫ ކޮށްގެން ޒައިނަބް އާއި އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ އުސްމާން ދިޔައީ ޒައިނަބްގެ މަންމަ ފަރާތު ބޮޑުދައިތަގެ ގެއަށް ޤުރްއާން ކިޔެވުމަށެވެ.

"ކޮންމެ ދުވަހަކުވެސް ކިރު ތަށި ބޮއެގެން އެކުދިން އެގެއަށް ދާނެ ޤުރްއާން ކިޔަވަން. މިގެއާއި އެގެއާއި ހުންނާނީ އެންމެ ފަސް މިނެޓެއްހާ ދުރުމިން. ބައި ގަޑިއިރު ކިޔެވުމަށްފަހު އެނބުރި ގެއަށް އަންނާނީ" ޒައިނަބް ގެ ބައްޕަ ފަރާތު ބޮޑުދައިތަ އެއް ކަމަށްވާ އަނީސް ފާތިމާ މީޑިއާ އަށް މައުލޫމާތު ދީފައިވެއެވެ.

ނަމަވެސް އެދުވަހު ޤުރްއާން ކިޔަވަން ބޮޑުދައިތަގެ ގެއަށް ދިޔައީ އުސްމާން އެކަންޏެވެ. ޒައިނަބްގެ މަންމަ ފަރާތު ބޮޑުދައިތަ، ރުޚްސާނާ، ޒައިނަބް ކޮބާތޯ އެހުމުން އުސްމާން ބުނީ އޭނާއަށް ވުރެ ކުރިން ދިޔުމަށް ޒައިނަބް ވަރަށް ބާރަށް ދުއްވައިގަތް ކަމަށެވެ. ދުވެފައި ދިޔައީ ކޮން ދިމާލަކަށް ކަމެއް ނޭނގޭ ކަމަށް ވެސް އުސްމާން ބުންޏެވެ.

ރުޚްސާނާ ބުނި ގޮތުގައި ޤުރްއާން ކިޔަވަން އުސްމާން ދިޔަފަހުން ވެސް ޒައިނަބް ގެ ޚަބަރެއް ނުވުމުން އޭނާ ހީކުރީ ޒައިނަބް އެނބުރި ގެއަށް ދިޔައީ ކަމަށެވެ. ނަމަވެސް ކިޔަވާ ގަޑި ނިމުމުން ގެއަށް ވެސް ނުދާތީ ޒައިނަބް ހޯދުމުގެ މަސައްކަތް އެދެއާއިލާއިން ވެސް ފެށިއެވެ. ޒައިނަބް ދާނެހެން ހީވާ ހުރިހާ ގެއަކަށް ދިޔައެވެ. ނަމަވެސް އޭނާ ނުފެނުމުން ފުލުހުންނަށް އެންގިއެވެ. އަދި އެރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު ޒައިނަބް ގެ މައިންބަފައިންނަށް ވެސް އެޚަބަރު ދިނެވެ. އެމީހުން އެވަގުތު ތިބީ ޢުމްރާވުމަށް މައްކާ ގައެވެ.

ޒައިނަބް ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއިލާއިން ކުރަމުން ގެންދިޔައިރު، އޭނާ ނުފެނިގެން އުޅޭކަމަށް މިސްކިތުގެ ތާޅަފިލިން ވެސް ގޮވިއެވެ. އެޚަބަރު ބޭކަރީއެއްގައި މަސައްކަތް ކުރާ މީހަކަށް އިވުމުން، އޭނާ އެތަނުގެ ސީސީޓީވީ ކެމެރާ ފުޓެޖް ޗެކްކޮށް އޭގެން ފެނުނު ވީޑިއޯއެއް ޒައިނަބް ގެ އާއިލާއާއި ހިއްސާ ކުރިއެވެ.

ކަޅާއި ހުދުގެ އެވީޑިއޯއިން ފެންނަނީ ފިރިހެނަކު ކުޑަ އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ގެންދާ ތަނެވެ. އެކުއްޖާ ހިނގާ ގޮތުންނާއި ލައިގެން ހުރި އެއްޗެހިން އެއީ ޒައިނަބްކަން އެނގުނެވެ.

ޒައިނަބް ގެއްލުނުތާ ފަސް ދުވަސް ފަހުން، އެތުއްތު ކުއްޖާ ފެނުނީ ކުނިތަކެއްގެ ތެރެއަށް މަރާލާފައި އެއްލާލާފައި އޮއްވައެވެ. ގިނަ އަދަދެއްގެ ޒަޚަމްތައް އެކުއްޖާފުޅަށް ދީފައިވާއިރު، ޒައިނަބް އަށް ވަނީ ޖިންސީ ގޮތުން ވެސް ގޯނާ ކޮށްފަކަން ޕޯސްޓްމޯޓެމް ރިޕޯޓުތަކުން ހާމަވިއެވެ.

ޒައިނަބްގެ މަރާއިމެދު މުޅި ދުނިޔެ ހިތާމަ ކުރެއެވެ. މިކަމާއިމެދު އެންމެ ބޮޑަށް ހިތާމަ ކުރާ އެކަކީ އޭނާގެ ދައްތަ ލައިބާ އާމިން (16އ.) އެވެ. ލައިބާ ބުނި ގޮތުގައި އޭނާ ހަމައެކަނި ދެރަވަނީ ޒައިނަބް މިދުނިޔެއިން ވަކިވެގެން ދިޔުމަކުން ނޫނެވެ. ނަމަވެސް އޭނާ ދެރަވަނީ ޒައިނަބް އަށް އެފަދަ ބޮޑެތި ވޭންތަކެއް ލިބުމުންނެވެ.

"އަހަރެންގެ މަންމަ ޒައިނަބް ވިހެއީ ވެސް ސިއްޙީ ގޮތުން ދަތިތަކަކާއި ކުރިމަތިވުމަށްފަހު. މުޅިއަކު ދެ އޮޕަރޭޝަން ކުރަން ޖެހުނު، ވެންޓިލޭޓަރަށް ވެސް ލި. އަދި 19 ފަހަރަށް ލޭ ވެސް އަޅަން ޖެހުނު. މަންމަ އަށް ޒައިނަބް ފެނުނީވެސް ވިހޭތާ ވަރަށް ދުވަސް ފަހުން. އެހެންކަމުން އެއީ އަހަރުމެން އެންމެންނަށް ވެސް ޚާއްސަ ކުއްޖެއް" ލައިބާ ކިޔާދިނެވެ.

ފަހު ސުވާލެއްގެ ގޮތުގައި ލައިބާ އަހާފައިވަނީ "އަހަރެންގެ ކޮއްކޮ މަތިން އެންމެން ތިގޮތަށް ހަނދާން ކުރާނީ ކިތައް ދުވަސް ވަންދެން ހެއްޔެވެ؟" އެވެ. އޭނާ ދެކޭ ގޮތުގައި، މިއަދު އެންމެންގެ ތުންތުން މައްޗަށް ޒައިނަބް ގެ ނަން ވެރިވެފައިވީ ނަމަވެސް ދުވަސް ކޮޅަކުން އެކަން ހަނދާން ނެތޭނެއެވެ. ނަމަވެސް އޭނާވެސް އަދި އޭނާގެ އާއިލާވެސް ދުވަހަކުވެސް މިހިތާމަވެރި ހާދިސާ ހަނދާން ނުނެތޭނެ ކަމަށް ލައިބާ ބުންޏެވެ.
މިއަދު އޮންލައިން