ބަކާ އީގަލްސްއަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 15ސ
ބަކާ އީގަލްސްއަށް ސޮއިކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ)، މި ފެށޭ ސީޒަންގައި ކްލަބް އީގަލްސްއަށް ކުޅުމަށް ސޮއިކޮށްފިއެވެ.

އީގަލްސްގެ ފޭސްބުކް ޕޭޖުގައި ބަކާ އެ ޓީމާ ގުޅުނުކަން އަންގާފައިވާއިރު، ބަކާ ވަނީ މީގެ ކުރިން ވެސް އީގަލްސްއަށް ކުޅެދީފައެވެ. މިދިޔަ ސީޒަންގައި ބަކާ އެންމެ ފުރަތަމަ ކުޅެދިނީ ވިކްޓަރީ ސްޕޯޓްސް ކްލަބަށެވެ. އެހެން ނަމަވެސް މިދިޔަ ސީޒަންގެ މާލޭ ލީގުގެ ގަދަ ހަތަރަކުން ވިކްޓަރީއަށް ޖާގަ ނުލިބެ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ސީޒަންގެ މެދު ތެރެއިން، ބަކާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއަށް ސޮއިކުރިއެވެ.

2004 ވަނަ އަހަރު، ފުޓުބޯޅަ ކެރިއަރު ފެށި ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި އީގަލްސްގެ އިތުރުން ވިކްޓަރީ، ވީބީ ސްޕޯޓްސް، ވެލެންސިއާ، ނިއު ރޭޑިއެންޓް، އަދި މާޒިޔާއަށް ކުޅެދީފައެވެ. މީގެ އިތުރުން މިޔަންމާގެ ކެބީޒެޑަށް ވެސް ބަކާ ކުޅެދީފައިވެއެވެ.

ގިނަ އަހަރުތަކެއް ވަންދެން ޤައުމީ ޓީމުގެ މެދު ތެރޭގައި ކުޅެދީފައިވާ ބަކާއަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ނެގިއިރު، ރާއްޖެ ޓީމުގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިޔެކެވެ. ފަހަކަށް އައިސް ބަކާއަށް ޤައުމީ ޓީމުގެ ސްކޮޑުން ޖާގަ ނުލިބެއެވެ. އެހެން ވިޔަސް ޤައުމީ ޓީމުން އަދިވެސް ބަކާ ޖާގަ ދޭންޖެހޭކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މި ފެށޭ ސީޒަނަށް ތައްޔާރުވުމަށްޓަކައި އީގަލްސްއިން ސްރީލަންކާގެ ގޯލްކީޕަރު ސޫޖަން ޕަރޭރާއާއެކު، އިތުރު ތިން ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތްކުރާއިރު، އީގަލްސްގެ ކުރީގެ ޑިފެންޑަރު މުހައްމަދު ތަސްނީމް ވެސް ވަނީ އީގަލްސްއަށް ސޮއިކޮށްފައެވެ.

ވޭތުވެދިޔަ ސީޒަންތަކުގައި އީގަލްސްގެ ކެޕްޓަން ބޭންޑުގައި ކުޅެފައިވާ އިމްރާން ނަޝީދު (އިންމަ) ނިއު ރޭޑިއަންޓްއަށް ބަދަލުވެފައިވާއިރު، މުޖްތާޒު މުހައްމަދު (މުޖޭ) ވަނީ މާޒިޔާއަށް ބަދަލުވެފައެވެ.
ވޭތުވެދިޔަ ސީޒަންތަކުގައި އީގަލްސްގެ ކޯޗުކަމުގައި ހުރި އިހުސާން ޢަބްދުލްޣަނީ (ސާންތީ) އެ މަޤާމުން ވަކިވެ، ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމާ ހަވާލުވުމުން، މި ފެށޭ ސީޒަނަށް އީގަލްސް ނުކުންނާނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ.

މޯހަން އީގަލްސްއާ ހަވާލުވުމަށް ފަހުގައި ބުނެފައިވަނީ މި ފެށޭ ސީޒަނަށް އެ ކްލަބްގެ ފުރަތަމަ އަމާޒަކީ މާލޭ ލީގުގެ ގަދަ ހަޔަކުން ޖާގަ ހޯދައި ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމެވެ. ދެވަނަ އަމާޒަކީ ކްލަބަށް ތަށްޓެއް ހޯދުން ކަމަށެވެ.

މިއަދު އޮންލައިން