ކޮރަޕްޝަނުގެ އަމަލެއްވެސް އަދި ކުށެއްވެސް ކުރައްވާފައި ނުވާނެ ކަމަށާއި ނަމަވެސް ސަރުކާރުން އޭނާގެ އަތުން ކޮންމެހެން އަތުލަން ބޭނުންވާނަމަ ރީތި ގޮތުގައި ބުނަނިކޮށް ޞަދަޤާތެއް ދެއްވަފާނެ ކަމަށް ޕްރިންސް އަލްވަލީދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނާއި އެހެންވެސް ތަފާތު ތުހުމަތުތަކުގައި ބަންދުގައި ހުންނަވާތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާ އަލްވަލީދުގެ ވަކީލުން ވިދާޅުވަނީ ދެ ހުށަހެޅުއްވުމެއް އަލްވަލީދު ހުށަހަޅުއްވާފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާ 100 މިލިއަން ޑޮލަރު ދެއްވަން އަލްވަލީދު ބޭނުންފުޅު ނުވާ ކަމަށެވެ.
ކޮރަޕްޝަނާއި ތަފާތު ތުހުމަތުތަކުގައި 200 އަށްވުރެ ގިނަ ސައުދީ މަހުޖަނުން ސަރުކާރުން ބަންދުކުރިއެވެ. ސަރުކާރުން ބޭނުންވާ އަދަދަށް ފައިސާ ދައްކަން އެއްބަސްވި މަހުޖަނުންތައް މިހާރު ވަނީ މިނިވަންކޮށްފައެވެ.
ޕްރިންސް އަލްވަލީދަކީ އަމިއްލަފުޅު ތަނަވަސްކަމުގައި 17 ބިިއަން ޑޮލަރު ހުރި ބޭފުޅެކެވެ. ރާއްޖޭގައި ބައެއް ރިޒޯޓުތައް ހިންގާ ފޯސީޒަންސް ކުންފުނީގެ ވެސް މައި ހިއްޞާދާރެވެ.