ތަޖުރިބާކާރު މިޑްފިލްޑަރު ނިޔާ ގްރީންއަށް

ކިޔުމަށް ހޭދަވާނީ 1މ 7ސ
ތަޖުރިބާކާރު މިޑްފިލްޑަރު ނިޔާ ގްރީންއަށް
ރާއްޖޭގެ ތަޖުރިބާކާރު އެއް މިޑްފިލްޑަރު އަހުމަދު ނިޔާމް (ނިޔާ) ކްލަބް ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

ނިޔާއަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔެއްކަމަށާއި ނިޔާއަކީ އަންނަ ސީޒަންގައި ގްރީންގެ ސްކޮޑްގައި އެންމެ މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިޔެއްކަމަށް އުއްމީދުކުރާކަމަށް ގްރީން ސްޓްރީޓްސްއުން ބުންޏެވެ.

މިދިޔަ ސީޒަން ނިޔާ ފެށީ ވިކްޓަރީ ސްޕޯޓްސް ކްލަބްއުންނެވެ. އެހެން ނަމަވެސް މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ވިކްޓަރީއަށް ގެއްލުމުން ފަހުން ނިޔާ ވަނީ ދިވެހި ލީގުގައި ކުޅެންވެގެން ގދ.ތިނަދޫ ޓީމަށް ބަދަލުވެފައެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ނިޔާ ވަނީ ވިކްޓަރީގެ އިތުރުން ވެލެންސިއާއާއި ނިއު ރޭޑިއަންޓްއަށް ކުޅެފައެވެ. ނިޔާ އެންމެ ބޮޑަށް ވިދާލައިިގެން ގޮސްފައިވަނީ ނިއުގައި އޭނާ ކުޅުނު ދުވަސްވަރުގައެވެ.

ނިޔާގެ އިތުރުން ގްރީންއުން ވަނީ އީގަލްސްއަށް ކުޅުނު ހުސައިން ޢަބްދުﷲ (އުޗީ) ވެސް އެ ކްލަބަށް ގެނެސްފައެވެ.

އަންނަ ސީޒަނަށް ގްރީން ސްޓްރީޓްސް ނުކުންނާނީ ތަޖުރިބާކާރު ކޯޗު ޢަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.
މިއަދު އޮންލައިން