އިންޑިއާގެ ހައްޖުވެރިންގެ ސަބްސިޑީ ކަނޑާލަން ނިންމައިފި
އިންޑިއާގެ މުސްލިމު ހައްޖުވެރިންނަށް ހައްޖަށް ދިޔުމަށް ދެމުންގެންދިޔަ އެއާފެއާ ސަބްސިޑީ ކަނޑާލަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މިހާރު ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ސަރުކާރުން، ހައްޖުވެރިންގެ ސަބްސިޑީ ކަނޑާލަން ނިންމާފައިވާކަން އިއުލާންކުރީ އިއްޔެގެ ވަގުތެއްގައެވެ.
އިންޑިއާގެ ހައްޖުވެރިންނަށް ސަބްސިޑީ ދޭން ފަށާފައިވަނީ 1950 ވަނަ އަހަރުގެ ތެރޭގައި ކޮންގްރެސް ޕާޓީ ވެރިކަމުގައި ހުންނަވަނިކޮށެވެ.
އިންޑިއާގެ މައިނޯރިޓީ އެފެއާޒް މިނިސްޓަރު މުހުތާރު އައްބާސް ނަޤްވީ ވިދާޅުވީ މުސްލިމުންނަށް ދެމުންގެންދިޔަ ހައްޖު ސަބްސިޑީ ކަނޑާލި ނަމަވެސް ސަބްސިޑީ ކަނޑާލައިގެން ސަލާމަތްކުރެވޭ ފައިސާއިން ޚަރަދުކުރާނީ ހަމަ މުސްލިމުންނަށް ކަމަށެވެ. އެ ގޮތުން، މުސްލިމުންނަށް އިޤްތިޞާދީ އަދި ތައުލީމީ ފުރުސަތުތައް ފުޅާކުރުމަށް އެ ފައިސާއިން ޚަރަދުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބީޖޭޕީ ސަރުކާރުގެ މި ނިންމުމަށް މުސްލިމުންގެ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އެކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ ފަދަ 'ސެކިއުލާ' ވިސްނުމެއް ގެންގުޅެންޖެހޭ ޤައުމަކުން ނުވަތަ އެތައް ހާސް ދީނެއްގެ މީހުން އުޅޭ ޤައުމެއްގައި ވަކި ދީނެއްގެ މުނާސަބަތެއް ފާހަގަކުރުމަށް ސަރުކާރުން ޚަރަދުކުރެވިގެން ނުވާނެކަމަށެވެ. މިހެން ބަޔަކު ބުނަމުން ގެންދިޔަ ނަމަވެސް ބީޖޭޕީ ސަރުކާރުން ދަނީ ހިންދޫ ދީންގެ ކިތަންމެ މުނާސަބަތެއް ފާހަގަކުރުމަށް ސަރުކާރުގެ ފައިސާއިން ޚަރަދުކުރަމުންނެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި 175 މިލިއަނެއްހާ މުސްލިމުން އުޅޭއިރު، ކޮންމެ އަހަރެއްގެ ލައްކައަކަށްވުރެ ގިނަ މުސްލިމުން އިންޑިއާއިން ސައުދި އަރަބިއާގެ މައްކާއަށް ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ދެއެވެ. އިންޑިއާގެ އާބާދީއަކީ ގާތްގަނޑަކަށް 1.25 ބިލިއަނެވެ.