އިޒްރޭލު މައިތިރިކުރެވޭނީ ހަރުކަށިކަމާއެކު ކުރިމަތިލައިގެން- ފަލަސްޠީނުގެ ހަރުކަށި ލީޑަރުން
އިޒްރޭލު މައިތިރިކުރުމަށް މިހާރު އޮތް ހަމަ އެކަނި ގޮތަކީ ހަރުކަށިކަމާއިއެކު އިޒްރޭލާއި ކުރިމަތިލުން ކަމަށް ފަލަސްޠީނުގެ ހަރުކަށި ލީޑަރުން ނިންމަވައިފިއެވެ.
ރާމަﷲގައި ކުރިއަށް ގެންދިއަ 2 ދުވަހުގެ މަޝްވަރާތަކަށްފަހު ލީޑަރުން ވިދާޅުވެފައިވަނީ ސަލާމަތީ ކަންކަމުގައި އިޒްރޭލާއިއެކު މިހާރު ބާއްވަމުން ގެންދާ ގުޅުންތައްވެސް ކަނޑާލަންޖެހޭ ކަމަށެވެ. ނަަމަވެސް މިބައްދަލުވުމުގައި 2 ގަޑިއިރުވަންދެން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ދެއްކެވި ވާހަކަފުޅުގައި މިކަމަށް އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.
ބައެއް ލީޑަރުން ވިދާޅުވީ މިހާރު އެންމެ މުހިންމީ އިޒްރޭލާއި ދެކޮޅަށް ކުރަންޖެހޭ ކަންކަން ލިސްޓްކުރުމަށްފަހު އެކަންކަން އަމަލީ ގޮތުން ތަންފީޒުކުރެވޭނެ މަގުތައް ހޯދުން ކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި ނެގި އޮންލައިން ވޯޓެއްގައި 92 އިންސައްތަ މީހުން ބުނެފައިވަނީ އިޒްރޭލާއިއެކު އެއްވެސް ގުޅުމެއް ބާއްވަން ނުފެންނަ ކަމަށާއި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ވަރުގަދަކުރަންޖެހޭ ކަމަށެވެ. އަދި ރޭވުންތެރިކަމާއިއެކު ކުރިމަތިލުންތައް ފަށަންޖެހޭ ކަމަށެވެ.