ތުރުކީގައި ހިނގި ބަސް އެކްސިޑެންޓެއްގައި 11 މީހުން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 19ސ
ތުރުކީގައި ހިނގި ބަސް އެކްސިޑެންޓެއްގައި 11 މީހުން މަރުވެއްޖެ
ތުރުކީގެ ހުޅަނގު އުތުރު ސަރަހައްދުގެ މަގެއްގައި ދުއްވާފައި ދިޔަ ބަހެއް، މަގުގެ އެއްކައިރީގައި ހުރި ގަސްތަކެއްގައި ހިނގި އެކްސިޑެންޓެއްގައި 11 މީހުން މަރުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މި ބަސް ދަތުރުކުރަމުން ދިޔައީ މެންދަން ވަގުތެއްގައި ވެރިރަށް އަންކަރާއިން ބްރުސާ ސިޓީއާ ވަރަށް ކައިރީގައި އޮންނަ އުލުދަގް ނަމަކަށްކިޔާ ރިސޯޓަށެވެ. އުލުދަގަށް ދަތުރުކުރަމުން ދަނިކޮށް އެސްކިސެހިރު ސަރަހައްދާ ގާތްވުމުން މަގުމަތީގެ އެއްކައިރީގައި ހުރި ގަސްތެއްގައި ގޮސް ބަސް ޖެހުނުކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާގައި 11 މީހަކު މަރުވެފައިވާއިރު، 46 މީހަކު ޒަހަމްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުން އެ ޤައުމުގެ އެކި ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގިއިރު، ބަހުގައި ތިބި ދެ ޑްރައިވަރުން ހައްޔަރުކޮށް ތުރުކީގެ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުންދާކަމަށް ތުރުކީ ފުލުހުން މީޑިއާތަކަށް ރިޕޯޓްކޮށްފައިވެއެވެ. ބަހުގައި ތިބި ދެ ޑްރައިވަރުންނަށް ވެސް މި ހާދިސާގައި ކޮންމެވެސް އަނިޔާ ލިބިފައިވީ ނަމަވެސް މާ ބޮޑު އަނިޔާއެއް އެ ދެ ޑްރައިވަރުން ލިބިފައިނުވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، ތުރުކީ މަގުތަކުގައި ވަރަށް ގިނަ އެކްސިޑެންޓް ހިނގައި އެ ހާދިސާތަކުގައި ވަރަށް ގިނަ މީހުން މަރުވެފައިވެއެވެ. އެ ގޮތުން، ތުރުކީ ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގައި ތުރުކީގެ މަގުތަކުގައި މިލިއަނަށް ވުރެ ގިނަ އެކްސިޑެންޓް ހިނގައި ގާތްގަނޑަކަށް 7300 މީހުން މަރުވެފައިވާކަމަށް ވެއެވެ.
މިއަދު އޮންލައިން