އަސަދުﷲ މާޒިޔާގެ އެއްބަސްވުން އާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 32ސ
އަސަދުﷲ މާޒިޔާގެ އެއްބަސްވުން އާކޮށްފި
މުހައްމަދު އުސާމް

މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝާން ކްލަބްގެ ކެޕްޓަންކަން ކުރި އަސަދުﷲ ޢަބްދުﷲ އެ ކްލަބާއެކު އެއްބަސްވުން އާކޮށްފިއެވެ.
މާޒިޔާގެ އާ އެއްބަސްވުމުގައި އަސަދުﷲ ސޮއިކުރުމަށްފަހު، މާޒިޔާއިން ބުނީ ވޭތުވެދިޔަ ދެތިން ސީޒަންގައި މާޒިޔާއިން ހޯދި ކާމިޔާބީތަކުގެ ފަހަތުގައި އަސަދުﷲގެ ހިއްސާ ބޮޑުކަމަށާއި މާޒިޔާގެ އާ އެއްބަސްވުމުގައި އަސަދުﷲ ސޮއިކުރުމުން ކްލަބްގެ މެނޭޖްމެންޓް ވަރަށް އުފާކުރާކަމަށެވެ.

ޒުވާން އުމުރުގައި އޭވައިއެލްއިން ވިދާލި އަސަދުﷲ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވެލެންސިއާއަށް ކުޅެދީފައެވެ. ވެލެންސިއާއަށް ކުޅުމަށްފަހު އަސަދުﷲ މާޒިޔާއަށް ބަދަލުވީ 2012 ވަނަ އަހަރުގައެވެ. އެއަށްފަހުގައި މާޒިޔާއާއެކު އަސަދުﷲ ވަނީ ރާއްޖޭގައި ކާމިޔާބުކުރެވޭނެ ހުރިހާ ތަށްޓެއް ކާމިޔާބުކޮށްފައެވެ.

މި ފެށޭ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާއިން އަންނަނީ ގިނަ ކުޅުންތެރިންތަކެއް ގެންނަމުންނެވެ. އެ ގޮތުން، ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އެޓޭކިން މިޑްފިލްޑަރު ނާއިޒު ހަސަން (ދާދު)، ގްރީން ސްޓްރީޓްސްގެ މިޑްފިލްޑަރު އަހުމަދު ހަސަން، ގްރީންއަށް ކުޅުނު މިޑްފިލްޑަރު އަހުމަދު ނިޒާމް (ނިޒާމްބެ)، އީގަލްސްއަށް ކުޅުނު ޑިފެންޑަރު މުޖްތާޒު މުހައްމަދު (މުޖޭ)، ގްރީންއަށް ކުޅުނު ޑިފެންޑަރު ފަރޫޤް އިސްމާއިލް، އަދި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ތ.ތިމަރަފުށި ޓީމަށް ކުޅުނު އާދަމް ނަސީހު ވަނީ ގެނެސްފައެވެ.

މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު މުހިންމު ކުޅުންތެރިންގެ ތެރެއިން އެ ކްލަބް ދޫކޮށް ދިޔައީ މިޑްފިލްޑަރު މުހައްމަދު އުމައިރުއެވެ. މާޒިޔާ ދޫކޮށް އުމައިރު ބަދަލުވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ.
މިއަދު އޮންލައިން