ދަނޑުވެރިއަކު ލޯނު ނުދެއްކުމުން ޓްރެކްޓަރުދަށުލައި މަރާލައިފި
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ދަނޑުވެރިއަކު ދަނޑުގައި މަސައްކަތްކުރާނެ ޓްރެކްޓަރެއް ގަންނަން އަމިއްލަ ފަރާތަކުން ނެގި ލޯނު ކަނޑައަޅާފައިވާ މުއްދަތަށް ނުދެއްކުމުން ޓްރެކްޓަރުދަށުލައި ޗިސްކޮށް މަރާލައިފިއެވެ.
ދަނޑުވެރިޔާގެ ކޮއްކޮ ބުނީ ދަނޑުގައި މަސައްކަތްކުރަން ތިއްބާ ލޯނު ދޫކުރި މީހާގެ 5 އެޖެންޓަކު އައިސް އެދުނީ ޓްރެކްޓަރުގެ ތަޅުދަނޑު ހަވާލުކުރުމަށް ކަމަށެވެ. އެކަމަށް ދެކޮޅު ހެދުމުން ގަދަކަމުން ތަޅުދަނޑި އަތުލައިގެން ޓްރެކްޓަރުގައި ދަމުން ކޮއްޕާ ވައްޓާލުމަށްފަހު ޓްރެކްޓަރުދަށުލައި ޗިސްކޮށްލީ އެމީހުންގެ ކުރިމަތީގައި ކަމަށެވެ.
"ބޭބެ ޑިސެމްބަރު މަހުވެސް 35،000 ރުޕީސް ދެއްކި. މިހާރު ބާކީ ނުދެއްކި އޮތީ 125،000 ރުޕީސް. ބޭބެ އެމީހުން ގާތު ބުނި އެ ފައިސާ ވެސް ވަރަށް އަވަހަށް ދައްކާނެ ކަމަށް. ނަމަވެސް އެމީހުން ބޭބެގެ ބަސް ޤަބޫލުނުކޮށް އެގޮތަށް ކަންތައް ކުރީ."
ފުލުހުން ބުނީ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
އިންޑިއާގައި ދަނޑުވެރިންނަށް ބޭނުންވާ ފައިސާ ލިބުމުގައި ދަތިތައް ހުރުމުން އަމިއްލަ މީހުންގެ އަތުން ލޯނު ނަގަން ޖެހުމަކީވެސް އަދި މިފަދަ ކަންކަން ހިނގުމަކީވެސް ޢާންމު ކަމެކެވެ.
ބޮޑުވަޒީރު މޯދީގެ ސަރުކާރުން ގެންދަނީ ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.