ފަލަސްތީނުގެ އެތަކެއް ކުޑަކުދިންނެއް އެއްވެސް ރަހުމެއްނެތި ކަތިލަމުންދާ މަންޒަރާއި ބޮން ގޮއްވައިގެން ވެސް ގަތުލު ކުރަމުންދާ މަންޒަރަކީ ދުނިޔޭގެ ގިނަ ބަޔަކު ނުފެންނަކަމަށް ހެދުން ކަމުގައި ވިޔަސް، އެކަން ނުވާކަމަށް ހެދޭނެ ކަމެއް ނޫނެވެ.
މިފަދަ ލާއިންސާނީ ހަމަލާތަކަށް ހިތްވަރުދީ، އެހަމަލާތައް ހިންގުމުގައި އެންމެ އިސްކޮށް ހުންނަ އެކަކީ އިސްރޭލުގެ ޕްރައިމް މިނިސްޓަރ ބެންޖަމިން ނަތަންޔާހޫ އެވެ. އޭނާއަކީ "އިޒްރޭލުގެ ކުއްތާ" ކަމަށް ގިނަ ބަޔަކު ލަގަބު ދީފައިވެއެވެ.
ދާދި ފަހުން ނަތަންޔާހޫ ވަނީ އިންޑިއާ އަށް ޒިޔާރަތް ކޮށްފައެވެ. މިޒިޔާރަތުގައި އޭނާއާއި ބައެއް ބޮލީވުޑްގެ ތަރިންނާއި ޕްރޮޑިއުސަރުން ވަރަށް ފަޚުރުވެރިކަމާއިއެކު ބައްދަލު ކުރިކަމުގައި ވިޔަސް، ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ޚާން ކަމުގައިވާ އާމިރް ޚާން، ސަލްމާން ޚާން އަދި "ކިންގް އޮފް ބޮލީވުޑް" ޝާހްރުކް ޚާން، ބައްދަލު ނުކުރުންވީ މުސްލިމުން އުފާވި ކަމެއް ކަމުގައެވެ.
އިންޑިއާ ގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ތިން ޚާނުން ނަތަންޔާހޫ އާއި ބައްދަލު ނުކުރީ އެއީ ޔަހޫދީއަކަށް ވުމުންނެވެ. އަނެއްބަޔަކު ބުނެފައިވަނީ އެމީހުން އޭނާއާއި ބައްދަލު ނުކުރީ ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، އެފަދަ ނުބައި މީހަކާއި ބައްދަލު ކުރަން ބޭނުން ނުވުމުގެ ސަބަބުންނެވެ.
ޝާހްރުކް ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން އިޒްރޭލުގެ ޕްރައިމް މިނިސްޓަރާއި ބައްދަލު ނުކުރުމުން އެއްބަޔަކު އެތިންމީހުންނަށް ސަނާ ކީ ކަމުގައި ވިޔަސް، އެފަދައިން ކަންތައް ކުރުމުން އެތިން މީހުން ޤައުމާއި ވަރަށް ބޮޑަށް ޚިލާފުވީ ކަމަށް ބުނެ ބައެއް މީހުން ވަނީ ފާޑު ވެސް ކިޔާފައެވެ.
އެފަދަ މީހުން އެބުނާ ގޮތަށް އިންޑިއާ އާއި ޚިލާފު ނުވެ، އިންސާނިއްޔަތު ކަމުގައި ކޮޅުފައިން ޖަހާފައި ނަތަންޔާހޫ އާއި ބައްދަލު ކުރަން ދިޔަ މީހުންގެ ތެރެއިން، އެންމެ ކުރީ ސަފުގައި ހިމެނޭ އެކަކީ، އިންޑިއާގެ ގިނަ ބަޔަކު އެމީހަކަށް ވަރަށް އިޚުތިރާމް ކުރާ އަމީތާބު ބަޗަން އެވެ.
ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުން ގަތުލުކުރި ކަމުގައިވީ ނަމަވެސް، އަމީތާބު ބެލީ "ދުނިޔޭގެ ފެންވަރުގެ" ސެލްފީ އެއް ނަތަންޔާހޫ އާއިއެކު ނެގޭތޯ އެވެ. މިކަމުގައި އޭނާއާއިއެކު ދެން ފައިތިލަ ސާބިތު ކޮށްގެން ހުރީ އޭނާގެ އާއިލާއެވެ.
ދާދި ފަހުން އިންޑިއާގެ ގިނަ އަދަދެއްގެ ޔަތީމު ކުޑަކުދިންނަށް ކޮންމެ ދުވަހަކު ކާން ލިބޭނޭ ގޮތް ހަމަޖެއްސި "ރީތީގެ ރާނީ" އައިޝްވާރްޔާ ރާއީ ބަޗަން ވެސް ބޮޑު ހިނިތުންވުމަކާއިއެކު ނަތަންޔާހޫ އާއި ބައްދަލުކޮށް، އޭނާގެ ބަފާބެގެ "ފެންވަރުގެ" ސެލްފީގައި ވެސް ބައިވެރިވިއެވެ. ކުޑަކުދިންނަށް ނުހަނު އޯގާތެރިކަން ދެއްކި އައިޝްވާރްޔާ، ކުޑަކުދިން ތަކެއްގެ ގާތިލަކާއިއެކު ފަޚުރުވެރިކަމާއިއެކު ފޮޓޯ ނެގުންވީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވެސް ވަރަށް ބޮޑަށް އަމާޒުވި ކަމެއް ކަމަށެވެ. އައިޝްވާރްޔާ އާއިއެކު މިކަމުގައި އޭނާގެ ފިރިމީހާ އަބީޝޭކް ބަޗަން ވެސް ބައިވެރިވިއެވެ.
މިތިން މީހުންގެ އިތުރުން، ނަތަންޔާހޫ އާއި ދެން ބައްދަލު ކުރީ، ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ، ބޮލީވުޑްގެ އެކްޓަރު ވިވޭކް އޮބޮރޯއީ އެވެ. އޭނާގެ އެއަމަލާއި މެދުވެސް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭނާގެ އިތުރުން، ބޮލީވުޑްގެ މައްޝޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރު ވެސް ވަނީ ނަތަންޔާހޫ އާއި ބައްދަލު ކޮށްފައެވެ.
އަމިތާބު ބަޗަންއާއި ބޮލީވުޑްގެ މިއެކްޓަރުންނަށް، މިކަމާއި ގުޅެގޮތުން އެންމެ ބޮޑަށް ފާޑުކީ އެކަކީ ބޮލީވުޑްގެ އެކްޓަރ އީޖާޒް ޚާން އެވެ. މިކަމާއި ގުޅޭ ގޮތުން އޭނާ ރިކޯޑްކުރި ވީޑިއޯ އެއްގައި "އަމީތާބު ގެ ގޭގައި ކުޑަކުދިންނެއް ނެތްތޯ" ވަނީ ސުވާލު ކޮށްފައެވެ. އަދި ނަތަންޔާހޫ އަށް ފުރުސަތެއް ލިބިއްޖެނަމަ އިންޑިއާ އަށް ވެސް ހަމަލާދީ އިންޑިއާގެ އަޚުންނާއި އުޚްތުން އަދި ކުޑަކުދިން ގަތުލު ކުރަން ވެސް ފަސް ނުޖެހޭނެ ކަމަށް އީޖާޒް ބުނެފައިވެއެވެ.