އުރީދޫ ގެ ނަމުގައި ބަޔަކު މީހުން އޮޅުވާލައިގެން ބައެއް ފަރާތްތަކަށް ގުޅަމުން އެބަ ގެންދެއެވެ.
ވައިބާ މެދުވެރިކޮށް އަންނަ މިކޯލުން ބުނަނީ، ކޯލު ކޮށްފައިވާ ފަރާތަށް 200،000 ރުފިޔާ އިނާމެއްގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި އޯޓީޕީ ކޯޑްއެއް އުރީދޫގެ ފަރާތުން ފޮނުވާފައިވާ ކަމަށް ބުނެ، ނަންބަރުތަކެއް އިންނަ މެސެޖަކާއިއެކު ފޯނަށް އެސްއެމްއެސް އެއް ވެސް އާދެއެވެ.
މީގެއިތުރުން ވައިބާއިން ގުޅި ފަރާތްތަކުން ބުނަނީ، ގުޅާފައިވާ ފަރާތުގެ ކޭޝް ކާޑުގެ ފޮޓޯއެއް ވައިބާ މެދުވެރިކޮށް އެފަރާތަށް ފޮނުވުމަށެވެ.
މިއީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު މީހުން ކުރަމުން އަންނަ ކަމެއް ކަމަށާއި މިކަމަށް ސަމާލުވުމަށް އުރީދޫ މޯލްޑިވްސް ގެ ފަރާތުން އިއްޔެ ވަނީ ސޯޝަލް މީޑިއާ ގައި ވެސް އިއުލާނު ކޮށްފައެވެ.
އުރީދޫއިން ބުނެފައިވަނީ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އެފަދަ މަޢުލޫމާތެއް ފޮނުވުމަށް އުރީދޫ އިން ނޭދޭނެ ކަމަށާއި އުރީދޫގެ އެއްވެސް ޕްރޮމޯޝަނަކާއި ބެހޭ ގޮތުން އެއްވެސް ކަސްޓަމަރަކަށް ވައިބާ މެދުވެރިކޮށް ނުގުޅާނެ ކަމަށެވެ.
ވީމާ ހުރިހާ ރައްޔިތުން ވެސް، މިފަދައިން އެކި ކުންފުނިތަކާއި ބެހޭ ގޮތުން އަންނަ އެކިއެކި ކޯލުތަކަށް ސަމާލުވެ ތިއްބެވުމަށް އުރީދޫއިން ނަސޭހަތްތެރިވެއެވެ