ޒައިނަބްގެ ގާތިލު ހައްޔަރު ކޮށްފި، އޭނާއަކީ ޒައިނަބްގެ ތިމާގެ މީހެއް

ކިޔުމަށް ހޭދަވާނީ 1މ 23ސ
ޒައިނަބްގެ ގާތިލު ހައްޔަރު ކޮށްފި، އޭނާއަކީ ޒައިނަބްގެ ތިމާގެ މީހެއް
ލާހޯރް- މިމަހުގެ ކުރީކޮޅު، އެއްވެސް ރަޙުމެއްނެތި ރޭޕް ކޮށް މަރާލި އުމުރުން ހަތް އަހަރުގެ ޒައިނަބް އަމީންގެ މަރާއިމެދު އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ގާތިލު މިއަދު ޕާކިސްތާނު ފުލުހުން ހައްޔަރު ކޮށްފިކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.



ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އިމްރާން އޭ ކިޔުނު އެމީހާއަކީ ޒައިނަބްގެ ތިމާގެ މީހެކެވެ. އަދި އޭނާ ދިރިއުޅެމުންދަނީ ކާސުރް ގައި ޒައިނަބް ދިރިއުޅެމުން ދިޔަ ގެއާއި ވަރަށް ކައިރީގައެވެ.
ޕާކިސްތާނު ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މީގެ ދުވަސްތަކެއް ކުރިންވެސް އިމްރާން ހައްޔަރު ކުރެވުނެވެ. ނަމަވެސް ތަހުގީގަށްފަހު އޭނާ ދޫކޮށްލާ، އަލުން އަނެއްކާ އޭނާ ހައްޔަރުކުރީ ޑީއެންއީ ޓެސްޓުތަކުން ދިމާވުމުންނެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިފާޙިޝް ޢަމަލު ކުރިކަމަށް އިމްރާން ވަނީ މިހާރު އެއްބަސްވެސް ވެފައެވެ.



ޤުރުއާން ކިޔަވަން ބޮޑުދައިތަގެ ގެއަށް ދިޔަ މަގުމަތީގައި، ޒައިނަބު ރަހީނު ކޮށްފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ރެއެވެ. އޭގެ ފަސް ދުވަސް ފަހުން ކުނިތަކެއްގެ ތެރެއިން އެކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ފެނުނުއިރު، މަރާލުމުގެ ކުރިން ޒައިނަބް ރޭޕްކޮށްފައިވާކަން ޕޯސްޓް މޯޓެމް ރިޕޯޓުތަކުން ވަނީ ހާމަ ވެފައެވެ.

ކާސޫރް ގައި ހިނގި މިހިތާމަވެރި ހާދިސާގެ ސަބަބުން ޕާކިސްތާނުގެ ސަރުކާރަށް ގިނަ ބަޔަކު ވަނީ ނުފޫޒު ފޯރުވާ ފާޑު ކިޔާފައެވެ. މީގެ އިތުރުން މިހާދިސާ ތަހުގީގު ކުރުމަށް ޖޮއިންޓް އިންވެސްޓިގޭޓިވް ޓީމް (ޖޭއައިޓީ) އެއް ވެސް ވަނީ އެކުލަވާލާފައެވެ.
ގާތިލު ޒައިނަބުގެ އަތުގައި ހިފައިގެން ކޮންމެވެސް ތަނަކަށް ގެންދިޔަ މަންޒަރު ސީސީޓީވީ ފޫޓޭޖުން ހާމަވި ކަމުގައިވިޔަސް، އެއީ ކޮން ފިރިހެނެއްކަން ވަނީމީގެ ކުރިން ސާފުވާ ގޮތް ނުވެފައެވެ.

މިއަދު އޮންލައިން