މަރަށް މަރުގެ ޙުކުމް ކުރުމަށް ގޮވާލުމުން، ޗީފް މިނިސްޓަރު ޒައިނަބްގެ ބައްޕަގެ މައިކު ނިވާލި

ކިޔުމަށް ހޭދަވާނީ 2މ 53ސ
މަރަށް މަރުގެ ޙުކުމް ކުރުމަށް ގޮވާލުމުން، ޗީފް މިނިސްޓަރު ޒައިނަބްގެ ބައްޕަގެ މައިކު ނިވާލި
ޒައިނަބްގެ ގާތިލުގެ މައްޗަށް މަރަށް މަރުގެ ހުކުމް ކުރުމަށް ޒައިނަބްގެ ބައްޕަ ގޮވާލުމުން، ޕަންޖާބު ޗީފް މިނިސްޓަރ ޝަހްބާޒް ޝަރީފު، ޒައިނަބުގެ ބައްޕަގެ މައިކު ނިވާލުމުން ގިނަ ބައެއްގެ ފާޑު ކިޔުމާއި ނުރުހުން ޗީފް މިނިސްޓަރަށް އަމާޒު ވެއްޖެއެވެ.

މިމައްސަލައާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ލާހޯރް ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒައިނަބްގެ ބައްޕަ ހާޖީ އަމީން އަންސާރީ ވެސް ވަނީ ބައިވެރިވެފައެވެ. ކަމާބެހޭ ފަރާތްތަކުން މިމައްސަލައިގެ ތަފްސީލީ ބަޔާން އިއްވާ ނިމުމުން ހާޖީ އަމީން ވެސް ވަނީ ވާހަކަ ދައްކާފައެވެ. އެހެންނަމަވެސް އޭނާގެ ވާހަކަ މެދުކަނޑާލާ، މައިކުވެސް ނިވާލުމުން، މިކަމާއިމެދު ޕާކިސްތާނުގެ ސަރުކާރާއިމެދު ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

"ތުހުމަތު ކުރެވިފައިވާ ގާތިލަށް މަރުގެ ހުކުމް ކުރުމަށް އަހަރެން އެދުމުން، އަހަރެންގެ ކުރިމަތީގައި ޗީފް މިނިސްޓަރ އަހަރުމެން ދެމީހުންގެ (ޒައިނަބްގެ މައިންބަފައިންގެ) މައިކުތައް ނިއްވާލި" ޑޯން ނިއުސް އަށް މައުލޫމާތު ދެމުން ޒައިނަބްގެ ބައްޕަ ބުންޏެވެ.

ޕާކިސްތާނުގެ ޓީވީ ތަކުން ލައިވް ކޮށްފައިވާ މިނޫސްވެރިންގެ ބައްދަލުވުމުގައި ފެންނަ ގޮތުން، ޒައިނަބްގެ ގާތިލު ހައްޔަރު ކުރިކަމަށްޓަކައި އޭނާގެ ބައްޕަ ވަނީ ސަރުކާރަށް ޝުކުރު އަދާ ކޮށްފައެވެ. އެހެންނަމަވެސް މިމައްސަލައިގަ އޭނާ ބޭނުންވާ ކަންތަކުގެ ވާހަކަ ބުނުމުން ޗީފް މިނިސްޓަރ ޝަހްބާޒް، ޒައިނަބްގެ ބައްޕަގެ މައިކު ނިވާލާތަން ވެސް ފެނެއެވެ.

ޒައިނަބް ގެ ބައްޕަ ބުނެފައިވާ ގޮތުގައި، މީގެ ކުރިންވެސް އޭނާވަނީ ޕާކިސްތާނުގެ ޤާނޫނުތަކުން އިސްލާހު ކުރަން ފެންނަ ބައެއް ކަންކަން، ޕަންޖާބުގެ ޤާނޫނީ ވަޒީރު ރާނާ ސާނާއުﷲ އަށް ހުށަހަޅާފައެވެ. އެއީ ޕާކިސްތާނުގައި ދެން މީގެ ފަހުން ކުޑަކުދިން ރޭޕް ވުމާއި ރަހީނު ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށްޓަކައި ހުށަހެޅި ހުށަހެޅުންތަކެއް ކަމަށް ވެސް ހާޖީ އަމީން ބުންޏެވެ.

އޭނާގެ އެހުށަހެޅުން އާންމު ރައްޔިތުންނަށް ވެސް އެނގޭނޭ ފަދައިން ނޫސްވެރިންގެ ބައްދަލުވުމުގައި ހުށަހެޅުމަށް ރާނާ ސަނާއުﷲ ވިދާޅުވިކަމަށް ޒައިނަބް ގެ ބައްޕަ ބުންޏެވެ. އަދި އެބައްދަލުވުމުގައި ދައްކާނެ ވާހަކަތައް ވެސް ސަނާއުﷲ ވަނީ ހާޖީ އަމީން އަށް ކިޔާދެއްވަފައެވެ.

މީގެއިތުރުން ޒައިނަބްގެ ގާތުލަކީ އިމްރާން އަލީ ކަން، އިމްރާންގެ އާއިލާއަށް ނޭނގުނީ ކީއްވެތޯ ވެސް ޒައިނަބްގެ ބައްޕަވަނީ ސުވާލު ކޮށްފައެވެ.

"އެމީހުންނަށް ކީއްވެ ނޭންގެންވީ އެއީ އޭނާ ކޮށްގެން އުޅޭ ކަމެއްކަން؟ ޒައިނަބު ގެއްލިގެން އުޅުނުއިރު ސީސީޓީވީ ފުޓެޖް ވެސް ވަނީ އާންމުކޮށްފަ. އެފުޓެޖް ފެނިފަ ވެސް އޭނަގެ (އިމްރާންގެ) އާއިލާ މީހުންނަށް އެއީ އޭނާކަން ފާހަގަ ކުރަން އެނގޭނެއްނު. އެހެން މީހުންނަށް ނޭނގިދާނެ، އެކަމަކު އާއިލާއަށް އިނގޭނެއްނު. އޭނާގެ ގޭގައި ކުއްޖަކު ރަހީނު ކޮށްފައި ފަސް ދުވަސް ވަންދެން ބެހެއްޓި އިރު އާއިލާއަށް ނޭނގެންވީ ކީއްވެ؟" ޒައިނަބު ގެ ބައްޕަ ހާޖީ އަމީން އަންސާރީ ސުވާލު ކޮށްފައިވެއެވެ.

ޒައިނަބު ގެ ގާތިލު ކަމަށް އެންމެ ބޮޑަށް ބެލެވޭ މުޙައްމަދު އިމްރާން އަލީ ހައްޔަރު ކުރެވުނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ހައްޔަރު ކުރެވުނީ ކްރައިމް ސްކީނުން އޭނާގެ ޑީއެންއޭ ދިމާވުމުންނެވެ. އަދި އެފާޙިޝް ޢަމަލު ހިންގި ކަމަށް އޭނާ ވަނީ އެއްބެސް ވެސް ވެފައެވެ.




މިއަދު އޮންލައިން