އިންޑިއާ އިން މިއަހަރު 175،025 މީހުން ހައްޖަށް ދާނެ ކަމަށް ބުނެ އިންޑިއާގެ ޙައްޖުވެރިންނަށް ސައުދިއަރަބިޔާއިން ގެންދާ ޚިދުމަތްތަކަށް އިންޑިއާ އިން ތައުރީފްކޮށްފިއެވެ.
އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން ސައުދިއަރަބިޔާގައި ހުންނަ އިންޑިއާގެ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ހައްޖުވެރިންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި ދަރިކަލުން މުޙައްމަދު ބިން ސަލްމާން އަދި ހައްޖު މިނިސްޓްރީން ދެމުން ގެންދާ ސަމާލުކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
ސައުދިއަރަބިޔާގައި އިންޑިއާގެ 3.25 މިލިއަން މީހުން މަސައްކަތްކުރެއެވެ. އެހެންކަމުން އިންޑިއާއަށް ސައުދިއަރަބިޔާއިން ދަނީ ބޮޑެތި ފައިދާތަކެއް ކުރަމުންނެވެ.
2016 ވަނަ އަހަރު ބޮޑުވަޒީރު މޯދީ ވަނީ ސައުދިއަރަބިޔާއަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފައެވެ. އެ ޒިޔާރަތުގެ ސަބަބުން ދެ ޤައުމުގެ ގުޅުންތައް ވަނީ އިތުރަށް ބަދަހިވެފައެވެ.