ބައްޕަގެ ގެއިން ހާދިޔާ މިނިވަންވެއްޖެ، އިންޑިއާގެ ސުޕްރީމް ކޯޓުންވެސް ބުނީ އެއީ ސައްޙަ ކައިވެންޏެއް ކަމަށް.

ކިޔުމަށް ހޭދަވާނީ 1މ 42ސ
ބައްޕަގެ ގެއިން ހާދިޔާ މިނިވަންވެއްޖެ، އިންޑިއާގެ ސުޕްރީމް ކޯޓުންވެސް ބުނީ އެއީ ސައްޙަ ކައިވެންޏެއް ކަމަށް.
ނިއު ދިއްލީ- މީގެ ކުރިން ހިންދޫ އެއްގެ ގޮތުގައި ހުރި ހާދިޔާ ޖަހާން އާއި އޭނާގެ ފިރިމީހާ ޝާފިން ޖަހާން ގެ ކައިވެންޏަކީ ސައްޙަ ނޫން ކައިވެންޏެއް ކަމަށް ނުބެލެވޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާ، ހާދިޔާގެ މައިންބަފައިންގެ ގެއިން އޭނާ މިނިވަންކޮށް ދޫކޮށްލުމަށް އިންޑިއާ ގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.



ހާދިޔާގެ ބައްޕަ އަޝޯކަން ބުނެފައިވަނީ ހާދިޔާ އިސްލާމްދީން ޤަބޫލުކޮށް މުސްލިމެއްކަމުގައިވީ އޭނާއަށް ބަޔަކު ނުފޫޒު ފޯރުވުމުން ކަމަށެވެ. އަދި ޝާފިން އާއި ހާދިޔާގެ ކައިވެންޏަކީ ވެސް ސައްޙަ ކައިވެންޏެއް ނޫން ކަމަށް ބުނެ، އެކައިވެނި ރޫޅާލުމަށް އަޝޯކަން ވަނީ އެދެފައެވެ.

އެހެންނަމަވެސް ހާދިޔާ އަބަދުމެ ބުނަމުން ދިޔައީ އޭނާ އިސްލާމްދީން ޤަބޫލު ކުރީ އެއްވެސް މީހެއްގެ ނުފޫޒާއި ގަދަބާރުން ނޫން ކަމަށާއި، އޭނާގެ ދިރިއުޅުމަށް ގަދަބާރު ފޯރުވާ ހަމައެކަނި ބަޔަކީ އޭނާގެ މައިންބަފައިން ކަމަށް ބުނެފައެވެ. އަދި އޭނާގެ ފިރިމީހާ ކައިރިއަށް އޭނާ ފޮނުވާ ދިނުމަށް ވެސް ހާދިޔާ ވަނީ ހުއްޓުމެއް ނެތި އެދެފައެވެ.



ހާދިޔާގެ މައިންބަފައިން ވަނީ ކެރަލާ އަށް އޭނާ ގެންގޮސް، މީހުންނާއި ބައްދަލުކުރުމާއި ހުރިޙާ މުއާސަލާތީ ޚިދުމަތްތަކެއް ވެސް ހާދިޔާއަށް ބޭނުން ނުކުރެވޭ ގޮތް ހަދާ އޭނާ ގޭބަންދު ކޮށްގެން ގެންގުޅޭފައި ކަމަށް އުމުރުން 24 އަހަރުގެ ހާދިޔާ ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

މިމައްސަލައާއިމެދު އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ ހާދިޔާ އަކީ ބާލިޤު ވެފައިވާ އަންހެނެއް ކަމަށާއި އެހެންކަމުން އެފަދައިން އޭނާ ހައްޔަރު ކޮށްގެން ނުގެނއްގުޅެވޭނެ ކަމަށާއި އޭނާއަކީ މީހެއްގެ އަނތްބެއް ކަމަށް ޚުދު އޭނާ ބުނާއިރު އެއީ ސައްޙަ ކައިވެންޏެއް ނޫން ކަމަށް ކޯޓުން ނުނިންމޭނެ ކަމަށެވެ.

މީގެއިތުރުން، ހާދިޔާގެ ކިޔެވުން ފުރިހަމަ ކުރަން ޓަމިލް ނާޑޫ އަށް އޭނާ ފޮނުވުމަށް ހާދިޔާގެ ބައްޕަ އަޝޯކަން އަށް އެކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އާއިލާގައި "ޓެރަރިސްޓެއް" ނުބެހެއްޓޭނެ ކަމަށް ބުނެ އަޝޯކަން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންތެރިވާނެ ކަމަށް ބުނެފައެވެ.

މިއަދު އޮންލައިން