އުރުދުންގައި ދިރިއުޅޭ 27 އަަހަރުގެ އަޙްމަދު އަލް ޒާބިންއަށް އެނގުނީ އޭނާގެ ސައުދީ ރަޙްމަތްތެރިޔާ އޮސާމާއަށް ކިޑްނީ އެއް ބޭނުންވާ ކަމާއި އޭނާ އޮތީ މިހާރުވެސް ކިންގ ފައިޞަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިކަމެވެ.
އަހްމަދު ވަގުތުން ދިއައީ ސައުދިއަރަބިޔާއަށެވެ. ކިންގ ފައިޞަލް ހޮސްޕިޓަލަށް ގޮސް ބުނީ އޭނާގެ ރަޙްމަތްތެރިޔާ އާއި އޭނާގެ ކިޑްނީ ދިމާވޭތޯ ޓެސްޓްކޮށްދިނުމަށެވެ. ޓެސްޓްކޮށް ދިމާވާކަން އެނގުމުން ވަގުތުން އޭނާގެ އެއް ކިޑްނީ ރަޙްމަތްތެރިޔާއަށް ހަދިޔާކުރީ އުފަލުން ހެމުންނެވެ.
ރަޙްމަތްތެރިޔާގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވުމުގެ ފުރުޞަތު މާތް ﷲ އޭނާއަށް ދެއްވެވި ކަމަށްޓަކައެވެ.
ދާދިފަހުން ފުރްޤާން މިސްކިތުގައި ދަރުސް ދެއްވަވަމުން ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ މާތް ﷲ އަށްޓަކައި ލޯބިން ރަޙްމަތްތެރިއެއްގެ ހާލުބަލަން އެއް ރަށުން އަނެއް ރަށަށް މީހަކު ކުރި ދަތުރެއްގެމަތީގައި އެކަމުގެ ސަބަބުން މާތް ﷲ އޭނާދެކެ ލޯބިވެވޮޑިގެންފިކަމުގެ އުފާވެރި ޚަބަރު މަލާއިކަތްބޭކަލަކު މެދުވެރިކުރައްވަވައި ދެއްވެވި ކަމަށެވެ. މާތްﷲ މީހަކު ދެކެ ލޯބިވެވޮޑިގަތުމަކީ ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރެވެ.
އަހްމަދު މިވަނީ ރަޙްމަތްތެރިޔާއަށްޓަކައި އުރުދުނުން ސައުދިއަރަބިޔާއަށް ދަތުރުކޮށްފައެވެ. ހަމައެކަނި ހާލު ބަލައިލުމަކަށްވެސް ނޫނެވެ.
ރަޙްމަތްތެރިޔާއަށް އޭނާގެ އެއް ގުނަވަންވެސް ހަމަ ލޯބިން ހަދިޔާ ވެސް ކުރީއެވެ. މިއީ މާތް ﷲ އަށްޓަކައި އޭނާ ކުރިކަމެއް ކަމަށްވާނަމަ އޭނާއަށް ސުވަރުގެއިން ލިބޭނެ ދަރަޖައިގެ މަތިވެރިކަން ބޮޑުކަމާއިއެވެ.