އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގެ އެމްއާރުއައި މެޝިނަށް މީހަކު ދަމައިގަނެ މަރުވި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ބައަކުވެސް ހައްޔަރުކުރަންޖެހިދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އަދި ހައްޔަރުކޮށްފައިވަނީ އެވަގުތު އެމްއާރުއައި ހަދާ ކޮޓަރީގައި ހުރި ޑޮކްޓަރާއި އެޓެންޑެންޓާއި ކޮޓަރި ސާފުކުރާ މީހާއެވެ.
ފުލުހުން ބުނީ އެމްއާރުއައި މެޝިން ބޭނުންކުރުމާއި އެތަނަށް މީހުން ވެއްދުމާއި ބެހޭ ގޮތުން އަމަލުކުރަން ކަނޑައަޅާފައި އޮންނަ އުޞޫލު ހުށަހަޅަން ހޮސްޕިޓަލަށް އަންގާފައިވާނެ ކަމަށެވެ. އެ ލިޔުންތައް ލިބުމުން އެކަމުގައި އިތުރު ބައެއްގެ ޒިންމާ އޮތް ނަމަ އެބައަކު ބަންދުކޮށް ތަޙްޤީޤް ކުރާނެ ކަމަށެވެ.
ފުލުހުން ބުނީ މަރުވި ރާޖޭޝް މާރޫ އާއި އޭނާގެ ބޭބެ އެމްއާރުއައި ރޫމަށް ދިއައީ ވީލްޗެއަރގައި މަންމަ ގޮވައިގެން ކަމަށެވެ. އަދި ދޮރުމަތިން އެންމެންގެ ގައިގައި ހުރި ހުރިހާ "މެޓަލްތައް" ނެއްޓުވި ކަމަށެވެ. އެއަށްފަހު ފުރަތަމަ އޮކްސިޖަން ފުޅި ހިފައިގެން ވަދެދިނުމަށް އެޓެންޑެންޓް ރާޖޭޝްގެ ކިބައިން އެދުނު ކަމަށާއި ފުޅިއަކީ ދަގަނޑު ކަމަށްބުނެ ރާޖޭޝް ޝަކުވާ ވެސް ކުރި ކަމަށެވެ.
ނަމަވެސް އެއީ ކޮންމެ ފަހަރަކުވެސް އެކަން ކުރާ ގޮތް ކަމަށާއި އެއްވެސް ކަމެއް ނުވާނެ ކަމަށާއި މެޝިން އަދި ހުންނާނީ ނިއްވާލާފައި ކަމަށް އެޓެންޑެންޓް ބުނުމުން މަންމަގެ ހައްޤުގައި ރާޖޭޝް އޮކްސިޖަންފުޅި ހިފައިގެން ދޮރުންވަންތަނުން މެޝިނަށް ރޭޖޭޝް އާއި ފުޅި ދަމައިގަތީ ކަމަށެވެ.