ތިންފަށްވަރިން ވަރިކުރުމަކީ ޖިނާޢީ ކުށަކަށް ހަދައި އެކުށުގެ އަދަބެއްގެ ގޮތުން 3 އަހަރު ދުވަހަށް ޖަލަށް ލެވޭގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައވާ ބިލަށް ތާއީދުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދރަ މޯދީ ހުރިހާ ޕާޓީތަކެއްގެ ކިބައިން އެދިވަޑައިގެންފިއެވެ.
މޯދީ މިކަމަށް އެދިވަޑައިގަތީ މިއަދުގެ ޕާލަމެންޓް ފެށުމުގެ ކުރިން ދެއްވި ބަޔާނުގައެވެ.
މޯދީ ވިދާޅުވީ މިބިލަކީ ސިޔާސީ ކަމަކަށް ނުހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާގެ މުސްލިމް އަންހެނުންނަށް ކުރިމަތިވަމުން އަންނަ މިބޮޑު ވަބާއިން އަންހެނުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު ވަނީ އިންޑިއާގެ މިއަހަރުގެ ބަޖެޓު ބަހުސް މަޖިލީހުގައި ފަށައިފައެވެ. މޯދީ ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުން އިންޑިއާގެ ބަޖެޓަށް އެހީތެރިވާން ތައްޔާރަށް އޮތްކަން ހާމަކުރަމުންދާ މިވަގުތު ފުރުޞަތުގެ ބޭނުން ވީހައި ފުރިހަމައަކަށް ހިފުމަށް މެންބަރުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށެވެ.