މާރިޗް މަހު ބާއްވާ މިޞުރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ނުނުކުމެއްޖެނަމަ އަދަބު ދޭނެ ކަމުގެ އިޝާރާތެއް، އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ ހަމައެކަނި ކެންޑިޑޭޓް ރައީސް އަލްސިސީ މިއަދު ދީފިއެވެ.
އިންތިޚާބު ބޮއިކޮޓް ކުރާނެ ކަމަށް ބަހެއް އިދިކޮޅު ފަރާތްތަކުން ބުނުމުން އަލްސިސީ ރުޅި އައިސް ރަތްވެގެން ހުރެ މިއަދު ބުނީ އިންތިޚާބުގައި ވޯޓު ނުލުމަކީ ޤައުމުގެ ހަމަޖެހުން ނަގައިލުން ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.
އަލްސިސީ ބުނީ އިދިކޮޅުފަރާތްތަކުން އުޅެނީ 2011 ވަނަ އަހަރު މިޞުރުގައި ހިންގި ފަދަ ކަންތައްތަކެއް ހިންގަން ކަމަށާއި އެކަމަށް ފުރުޞަތު ނުދޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރަން މަސައްކަތްކުރި 4 ކެންޑިޑޭޓުންވެސް މިހާރު ވަނީ ޖަލުގައި ބަންދުކޮށްފައެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ބުނަނީ ބާއްވަން އުޅެނީ އިންތިޚާބެއް ނޫން ކަމަށެވެ.