މުސްލިމު ފްލައިޓު އެޓެންޑެންޓުންނަށް ދެން ބުރުގާ ނާޅާ އަސޭ އަށް ނޭރޭނެ

ކިޔުމަށް ހޭދަވާނީ 1މ 37ސ
މުސްލިމު ފްލައިޓު އެޓެންޑެންޓުންނަށް ދެން ބުރުގާ ނާޅާ އަސޭ އަށް ނޭރޭނެ
އިންޑޮނޭޝިއާގެ އަސޭއަށް އަރާ އަންހެން މުސްލިމު ފްލައިޓު އެޓެންޑެންޓުން މީގެ ފަހުން އެޤައުމަށް ބުރުގާ ނާޅާ އެރުން މަނާ ކޮށްފިއެވެ. އިންޑޮނޭޝިއަން ޕްރޮވިންސަކުން ހެދި މިޤާނޫނުގައި ބުނެފައިވަނީ، އަސޭ އަށް އަރާ ކޮންމެ މުސްލިމު ފްލައިޓު އެޓެންޑެންޓެއް ހުންނަންވާނީ އެމީހެއްގެ އިސްތަށިގަނޑު ނިވާ ކޮށްފައި ކަމަށާއި އެފަދައިން ޢަމަލު ނުކޮށްފިނަމަ، އިސްލާމިކް ފުލުހުންނާއި އެބަޔަކު ހަވާލު ކުރާނެ ކަމަށެވެ.

ބުރުގާ އެޅުމަކީ އިންޑޮނޭޝިއާގައި ދިރިއުޅޭ ހުރިހާ އަންހެނުންނަށް ވެސް އެޤައުމުގައި ގޮވާލާފައިވާ ކަމެކެވެ. އަދި މުސްލިމު ނޫން އަންހެނުން، ބުރުގާ ނޭޅިނަމަވެސް ހަށިގަނޑުގެ ވަނާތައް ނޭނގޭނޭ ފަދައިން ހެދުން އެޅުމަށް އެޤައުމުން އަންގާފައިވެއެވެ.



މުސްލިމު އަންހެން ފްލައިޓް އެޓެންޑެންޓުންގެ ތެރެއިން ބުރުގާ ނާޅާ ބައެއް އަންހެނުން، މީގެ ކުރިންވަނީ ކުރު ދަތުރުތައް ކުރާއިރު ބުުރާގާ ނާޅާ ދަތުރުކޮށް، ބުރުގާ ނާޅާ އަސޭ އަށް ވެސް ގޮސްފައެވެ. އަސޭ ބިސާރު ޑިސްޓްރިކްޓުގެ ހެޑް މަވާޑީ އަލީ ވިދާޅުވިގޮތުގައި، ހުރިހާ އަންހެން ފްލައިޓު އެޓެންޑުން ވެސް ބުރުގާ އަޅައިގެން ނޫނީ އަސޭއަށް ނައުމުގެ އަމުރު ހަރުކަށި ކުރަން ޖެހެނީ، ބައެއް އަންހެނުން އެފަދައިން ކަންތައް ކުރަމުންދާތީ، ބޮލާއި އިސްތަށިގަނޑު ނިވާކޮށްގެން އުޅުމުގެ ރީތި އާދަ އެމީހުންގެ ކިބައިގާ އަށަގަންނަވުމަށެވެ.

"އަހަރެން އުންމީދު ކުރަން އަސޭ ގެ ޝަރީޢާ (އިސްލާމީ ޤާނޫނު) އަށް ހުރިހާ އެއާލައިނުތަކަކުން ވެސް ބޯލަނބާނެކަމަށް. މުސްލިމު ފްލައިޓު އެޓެންޑެންޓެއް މިއަމުރާއި ޚިލާފު ވެއްޖެނަމަ އޭނާއަށް ފުރަތަމަ ވިސްނައި ދޭނަން. އެކަމަކު އެޢަމަލު އަނެއްކާވެސް ތަކުރާރު ކޮށްފިނަމަ، އިސްލާމިކް ފުލުހުންނާއި އޭނާ ހަވާލު ކުރެވޭނެ" މަވާޑީ ވިދާޅު ވިއެވެ.

މިއަމުރާއި ޚިލާފުވާ މުސްލިމު ފްލައިޓު އެޓެންޑެންޓުންނަށް ދިނުމަށް ކަނޑައަޅާފައިވަނީ ކޮން އަދަބެއްކަން އޭނާ ވިދާޅުވެފައެއް ނުވެއެވެ.

މިއަދު އޮންލައިން