ޒައިނަބުގެ މަރާއި ގުޅިގެން ތަހުގީގަށް ހައްޔަރުކުރި ރުޤްޔާކުރާ މީހާ އަމިއްލައަށް މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ
ޒައިނަބުގެ މަރާއި ގުޅިގެން ތަހުގީގަށް ހައްޔަރުކުރި ރުޤްޔާކުރާ މީހާ އަމިއްލައަށް މަރުވެއްޖެ
މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ، ޕާކިސްތާނުގެ ކަސޫރްގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބު އަމީން ގެ މަރުގެ ތަހުގީގަށް ހައްޔަރުކުރި ރުޤްޔާ ކުރާ މީހެއް، ދަންޖެހިގެން އަމިއްލައަށް މަރުވެއްޖެއެވެ.

ބާބާ ޝާބިރް ނުވަތަ އާންމުކޮށް މީހުން ކިޔާ ނަމުންނަމަ ޗަނީ ޕީރް، ދަންޖެހިގެން އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނީ ޕީރޯވާލާ ރޯޑްގައި ހުންނަ އޭނާގެ ގެއިން، މިދިޔަ ހޯމަ ދުވަހުއެވެ.

ޒައިނަބުގެ މަރުގެ ތަހުގީގުގައި މީގެ ދެ ހަފްތާ ކުރިން ޕާކިސްތާނު ފުލުހުންވަނީ ބާބާ ޝާބިރް ހައްޔަރުކޮށް ދިހަ ދުވަހަށް ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައެވެ.

އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމުގައިވާ މުޙައްމަދު އުމަރު ބުނެފައިވާ ގޮތުގައި، ޒައިނަބުގެ މަރުގެ ތަހުގީގަށް ޝާބިރު ހައްޔަރުކޮށް ޑީއެންއޭ ޓެސްޓު ހެދުމަށް ސާމްޕަލްވެސް ނަގާ، ދިހަ ދުވަސް ފަހުން ދޫކޮށްލިއިރު، އޭނާ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

މަރުވުމުގެ ކުރިން އޭނާ ވުޟޫ ކުރިތަން ފެނުން ކަމަށާއި އެހެންކަމުން މުޙައްމަދު ހީކުރީ ޝާބިރު އެދަނީ ނަމާދު ކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.
މިއަދު އޮންލައިން