އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިމަހުގެ 10 ވަނަ ދުވަހު ފަލަސްޠީނަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. މިއީ އިންޑިއާގެ ތާރީޚުގައިވެސް އެ ޤައުމުގެ ބޮޑުވަޒީރަކު ފަލަސްޠީނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އިންޑިއާ އިން ބުނެފައިވަނީ މޯދީގެ މިދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށާއި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
އިންޑިއާ އަކީ އަބަދުވެސް ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް އެދެމުން އަންނަ ޤައުމެކެވެ. 1947 ވަނަ އަހަރުވެސް އިންޑިއާ އިން ބުނެފައިވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވެން ޖެހޭނެ ކަމަށެވެ. ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޓްރަމްޕް ކަނޑައެޅުމާއި ގުޅިގެން އދ ގައި ނެގި ވޯޓުގައި ގައިވެސް އިންޑިއާ އިން ވޯޓުދީފައިވަނީ އެމެރިކާ އާއި ދެކޮޅަށެވެ.
މޯދީގެ މިދަތުރުފުޅުގައި ރާމަﷲ ގައި ފަލަސްޠީނުން ޤާއިމުކުރާ ފަލަސްޠީން ޑިޕޮލޮމަސީ އިންސްޓްޓިޔުޓް ޤާއިމުކުރަން 4.5 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.