ޕާކިސްތާނުގެ އަބޯތާބީގައި އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ކުއްލިއަކަށް މަރުވުން، މަރުގެ ތަހުގީގުތައް ކުރުމަށް އެކުއްޖާ ވަޅުލުމަށްފަހު އަލުން ކޮނެގެން ނަގައިފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު، 11 އަހަރުގެ އެކުއްޖަ މަރުވުމުން، އެއީ ގުދުރަތީ މަރެއް ނޫން ކަމަށާއި އެކަން ހިނގި ގޮތް ތަހުގީގު ކުރަން ޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައާއި މަގުތައް މައްޗަށް ވެސް ނިކުމެ އަޑުއުފުލާފައެވެ.
އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓޫ އަމުރެއްގެ ދަށުން ޕާކިސްތާނު ފުލުހުންވަނީ، ތަހުގީގު ކުރުމަށްޓަކައި އެކުއްޖާގެ ހަށިގަނޑު ކޮނެގެން ނަގާފައެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ހާމަވެފައިވާ ގޮތުގައި މިސްބާ ނަމަކަށް ކިޔާ އެކުއްޖާއަކީ އެޤައުމުގެ،ޚައިބަރު ޕަޚްތުންކްވާ ހަޔަރ އެޑިއުކޭޝަން ގެ މިނިސްޓަރު މުޝްތާގު ޣާނީ ގެ ކޮއްކޮ ޝުއެއިބް ޣާނީ ގެ ގޭގައި މަސައްކަތް ކުރި ކުއްޖެކެވެ.
ބާލިޤު ނުވާ އަދި ޝަރުއީ ގޮތުން ވެސް ބޮޑު ނުވާ ކުޑަ ކުއްޖަކު ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި ގެންގުޅުމުން ޝުއިބް ޣާނީއަށް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާ ނުރުހުން ފާޅުކޮށްފައެވެ.
ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، ހަމަ އެދުވަހު މިސްބާ ގެ ހަށިގަނޑުވަނީ ވަޅުލާފައެވެ.
ތަހުގީގަށްފަހު މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް (ޑީއައިޖީ) ހާޒަރާ މުޙައްމަދު ސައީދު ވާޒިރް އިއްޔެ ވިދާޅުވީ އުމުރުން 11 އަހަރުގެ މިސްބާ މަރުވެފައިވަނީ، ކަރުގައި އޮރެންޖުކޮޅެއް ތާށިވުމުން ކަމަށް މެޑިކަލް ރިޕޯޓުތަކުން ދައްކާ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން ފައިނަލް ނިންމުމެއް ނިންމާނީ ފޮރެންސިކް އަދި ރޭޑިއޮލޮޖީ ރިޕޯޓުތައް ލިބުމުން ކަމަށް ވެސް ޑީއައިޖީ ވިދާޅުވެފައިވެއެވެ.