މިހިތާމަވެރި ހާދިސާ ހިނގީ މިދިޔަ އަހަރުގެ ރަމަޟާން މަސް ނިނުމަކާ ގާތްވެފައި ވަނިކޮށެވެ. ރަސްމީކޮށް ޖުނެއިދުއަށް ހާފިޒުކަން ދިނުން ހަމަޖެހިފައި އޮތީ ފިޠުރު ޢީދު ދުވަހު، ޖަމާ މިސްކިތުގައެވެ. އެއުފާވެރި ޚާފްލާއަށް ތައްޔާރުވުމަށްޓަކައި ޖުނެއިދު އާއި އޭނާގެ ދެ ބޭބެ، ވާސިމް އާއި ޙާޝިމް،އާއިއެކު ނިއު ދިއްލީ އަށް ދިޔައީ ރީތި ކުރުތާ ކޮޅަކާއި އެއްޗެހި ގަތުމަށެވެ. އެދުވަހުގެ އިރުއޮއްސުމުގެ ކުރިން އެނބުރި ގެއަށް އަންނާނެ ކަމަށް އެމީހުންގެ މަންމަ ގާތު ވައުދު ވެސް ވެފައެވެ.
ނަމަވެސް ދިއްލީ އިން ހަރްޔާނާ އަށް އެނބުރި އައި ރޭލެއްގެ ތެރޭގައި، ހިންދޫ މީހަކާ ކުޑަ ދެބަސްވުމެއް ހިނގިއެވެ. ޖެހުނު މައްސަލައަކީ ޖުނެއިދު އިށީންދެގެން އިނީ އެހިންދޫ މީހާ އިން ސީޓުގައި ކަމަށް ބުނެ ޖެހުނު ހަމަނުޖެހުމެކެވެ. ޖުނެއިދުގެ ވާސިމް ބުނިގޮތުގައި ސުލްހަވެރިކަން ޤާއިމް ކުރަން ޖުނެއިދު އިންތަން އެހިންދޫ މީހާ އޭނާ ދިނެވެ. ނަމަވެސް ހަމައެވަގުތު އެހެން ބައިވަރު ހިންދޫއިން ތަކެއް އައިސް އިސްލާމްދީނަށް ފުރައްސާރަކޮށް ޖުނެއިދުގެ ބޭބެމެންގެ ތުނބުޅިއަށް ދަމާ، އެއީ ޓެރަރިސްޓުން ކަމަށް ބުނެ، ކުއްލިއަކަށް ވަޅިނަގާ ޖުނެއިދުއަށް ހަމަލާ ދިނީއެވެ.
އެއިރު އެހެން ބަޔަކު ތިބީ ޖުނެއިދުގެ ބޭބެމެންގެ ގައިގާ ހިފަހައްޓާފައެވެ. ޖުނެއިދުއަށް ހަމަލާ ދިނީ ދެ މީހަކު ކަމަށާއި، އެއްވެސް ރަހުމެއް ނެތި ޖުނެއިދުގެ ގައިގެ އެތަންމިތަނަށް ވަޅިން ހަމަލާދީ މަރުވެގެން ވެއްޓެން ދެން ކަތިލިކަމަށް ޖުނެއިދުގެ ބޭބެ ޙާޝިމް ބުންޏެވެ.
"ގާތްގަނޑަކަށް ވިއްސަކަ މީހުން އައިސް އަހަރުމެންނަށް ހަމަލާދިން. އަހަރުމެންގެ ގައިގާ ތަޅާ، ކޮށްޕާލާ، އަހަރުމެންނަކީ ގެރިމަސް ކާ މީހުންނޭ ޓެރަރިސްޓުންނޭ ބުނެ ތުނބުޅިއަށް ދެމުމަށްފަހު ޖުނެއިދުގެ ގަޔަށް ވަޅި ހެރީ. ދެމީހަކު ވަޅި ހެރީ. އެއިރު ގިނަ ބަޔަކު ތިބީ އަހަރުމެންގެ (ވާސިމް އާއި އަހަރެންގެ) ގައިގާ ވަރަށް ބާރަށް ހިފަހައްޓައިގެން. އެހެންވެ ކޮއްކޮ ސަލާމަތްކުރަން ކުރި ހުރިހާ މަސައްކަތެއްވީ ނާކާމިޔާބު. މަރުވެގެން ވެއްޓެން ދެން އެމީހުން ވަޅިހެރި" ލޮލުން ކަރުނަ ފައިބަމުން ދިޔަ ޙާޝިމް ކިޔާދިނެވެ.
މިބިރުވެރި ހާދިސާގެ ސަބަބުން ޖުނެއިދުގެ އާއިލާ މީހުން އަދިވެސް ތިބީ މާޔޫސްވެ، އެއްވެސް އިންސާފެއް ނުލިބި ހިތާމައިގައެވެ. އަދި ހަރްޔާނާ އަވަށުގެ ގިނަ މުސްލިމުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިހާދިސާގެ ސަބަބުން، ފުރަތަމަ ފަހަރަށް، އެއަވަށުގައި މިދިޔަ އަހަރު ފިޠުރު ޢީދު ފާހަގައެއް ނުކުރެއެވެ.
"މުސްލިމަކު ޖީބުން ނިޔަފަތި ކަނޑާ ދައްޗެއް ނެގިޔަސް ވަނީ 'ޓެރަރިސްޓަކަށް' އެކަމަކު އެންމެންގެ ތެރޭގައި އެމީހުން (ހިންދޫއިން) ޖީބުން ވަޅިނަގާ ގަތުލު ކުރިޔަސް ޓެރަރިސްޓަކަށް ނުވޭ. މިއީ އިންސާފެއްތޯ؟" ޖުނެއިދުގެ ބޭބެ ވަސީމް ސުވާލު ކޮށްފައިވެއެވެ.
ޖުނެއިދުގެ ބައްޕަ ޖަލާލުއްދީން ޚާން ހަރްޔާނާ ރޭލް ސްޓޭޝަނަށް ދިޔައީ އޭނާގެ ދަރިން ބަލައެވެ. ނަމަވެސް އޭނާއަށް ފެނުނީ، ލެއިން ތަތްތެޅިފައި އޮތް ޖުނެއިދުގެ ފުރާނަ ނެތް ހަށިގަނޑު އުނގުގައި ބާއްވައިގެން އޭނާގެ ދޮށީ ދަރިފުޅު ޙާޝިމް އިންދައެވެ. އެއިރު ވަސީމް ގޮސް ހުރީ ޖުނެއިދު ހޮސްޕިޓަލަށް ގެންދިޔުމަށް ޓެކްސީ އެއް ހޯދާށެވެ.
"ޖުނެއިދުގެ ހަށިގަނޑު އޮތްގޮތް ފެނިފައި އަހަންނަށް ވީގޮތެއް ވެސް ނޭނގެ. ޙާޝިމް ވެސް އިނީ ބޮޑު ސިހުމެއް ލިބިފައި. އެއިރު ސްޓޭޝަންގައި ތިބި އެހެން ބަޔަކު ޙާޝިމް މަސަލަސް ކުރެވޭތޯ ބެލި. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ޖުނެއިދުގެ ފުރާނައެއް ނެތް. މިއީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. އަހަރުމެން (މުސްލިމުން) ދެކެ އެމީހުން އެހާ ރުޅިއަންނަނީ ކީއްވެ؟" ޖަލާލުއްދީން ބުނެފައިވެއެވެ.
ޖުނެއިދު ދުނިޔޭގައި ނެތްކަން އޭނާގެ މަންމަ ސާއިރާ އަށް އެނގުނީ އޭގެ އަނެއް ދުވަހު ފަތިހުއެވެ.
"އެރޭ ޖުނެއިދު ގެއަށް ނައިސްގެން އަހަރެން އޭނާގެ ބައްޕަ ގާތު ވެސް އެހިން. އެކަމަކު އެކަކުވެސް އަހަރެން ގާތު އެއްވެސް އެއްޗެކޭ ނުބުނޭ. އަވަށްޓެރި މީހުން އަހަންނާ ބައްދަލު ކުރަން ގެއަށް އައިސް ޖުނެއިދުއަށް ހެޔޮ އެދޭ ކަމަށް ބުނެ ހިތްވަރު ކުރަން ބުނި، އަހަންނަކަށް ނުވިސްނުނު ކީއްވެ ކަމެއް. އެރޭ ފަތިސް ނަމާދަށް ބަންގި ގޮވުމާއި ކައިރީގައި އަހަންނަށް އެނގުނީ. ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު ފެނުމުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ. އެއީ އުމުރުން އެންމެ 16 އަހަރުގެ ކުޑަ ކުއްޖެކޭ. ކީއްވެތަ އެހާ އަނިޔާވެރިވީ؟" ޖުނެއިދުގެ ގާތިލުންނާއި ސާއިރާ ސުވާލު ކުރިއެވެ.
މިމައްސަލައިގެ ސަބަބުން އިންޑިއާ ފުލުހުން ވަނީ، ޖުނެއިދުއަށް ހަމަލާދިން އެކަކު ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި ނިއު ދިއްލީގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާ ކުރާ އެމީހާއަކީ ޖުނެއިދުއަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި މީހާއެވެ. ނަމަވެސް އެމީހާއާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.