ސަރުކާރުތަކުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް ވީހައި ގިނަ ވަޒީފާތައް އުފެއްދުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަރަބި ޤައުމުތަކަށް ގޮވާލައިފިއެވެ.
އައިއެމްއެފްގެ ޗީފް، ކްރިސްޓިއަން ލެގާޑެ މިކަމަށް ގޮވާލެއްވީ ޔޫއޭއީގައި މިހާރު ކުރިއަށް ގެންދާ އިޤްޠިޞާދީ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.
ލެގާޑެ ވިދާޅުވީ އައިއެމްއެފުން ލަފާދިނީމާ ދުވަސްކޮޅެއް ވަންދެން ޤައުމުތަކުން ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ހަނދާން ނައްތައިލާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެއްވެސް ކަމެއް ރަނގަޅުވާކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ.
ލެގާޑެ ވިދާޅުވީ އަރަބި ޤައުމުތައް ނަމަވެސް އަދި އެހެން ޤައުމެއް ނަމަވެސް ޤައުމުގެ އިޤްޠިޞާދު ރަނގަޅުކުރަން ބޭނުން ނަމަ ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ބަޖެޓާއި އެކަށީގެންވާ ނިޞްބަތަކުން ރައްޔިތުންނަށް ސީދާ ޚަރަދުކުރުން ކަމަށެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެކަށީގެންވާ އަދަދަކަށް ވަޒީފާ އުފައްދައި ރައްޔިތުންނަށް މުސާރަ ދިނުން ކަމަށެވެ.