ނީޒް އަކީ އެންމެ ކުޑައިރުންސުރެ ދޮގު ބުނަން ބޭނުން ނުވާ ކުއްޖެކެވެ. އެކަން އެގޮތަށް މެދުވެރިވީ މަންމަގެ ސަބަބުންނެވެ. ނީޒްގެ މަންމަ އަބަދުވެސް އެންމެ ގިނައިން ބުނާ އެއް ވާހަކައަކީ ދޮގު ބުނެގެން ފައިދާއެއް ނުކުރާނެއެވެ. ތެދު ބުނެގެން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ތެދުބުނުމަށެވެ.
ނީޒްގެ އުމުރުން 10 އަހަރުގައި ވަނީ މަންމަ ނިޔާވެފައެވެ. އެހެންކަމާއިއެކުވެސް މަންމަ އެންމެ ގިނައިން ދިން ނަޞޭޙަތް ދޫކޮށްލަން ނީޒް ބޭނުމެއް ނުވިއެވެ. ނީޒް ބޭނުންވީ މަންމަގެ ހަނދާނެއްގެ ގޮތުންވެސް ދޮގު ނުބުނާ ކުއްޖެއްގެ ގޮތުގައި ދެމިހުންނާށެވެ.
ނީޒްގެ އުމުރުން 20 އަހަރުގައި ކައިވެންޏެއް ކުރިއެވެ. އެކައިވެނީގައި ހޭދަކުރެވުނީ ވަރަށް މަދު ދުވަސްކޮޅެކެވެ. ކައިވެންޏަށް އަހަރެއްވެސް ނުފުރެނީސް ފިރިމީހާ ވަނީ ނީޒް ދޫކޮށްލައި އެހެން ޤައުމަކަށް ހިޖުރަކޮށްފައެވެ.
ނީޒް އެކަން ވެސް ބަލައިގަތެވެ. މާތްﷲ މިންވަރު ކުރެއްވެވި ގޮތް ކަމަށް ބަލައިގަނެ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ނީޒް މަސައްކަތްކުރީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށެވެ. ރަނގަޅު ވަޒީފާއެއް ހޯދައި ވަޒީފާގައި ކުރިއެރުން ހޯދުމަށެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން 25 އަހަރުގައި ނީޒްއަށް ވަނީ ދުބާއީގެ ހިއްސާގެ ބާޒާރުގައި އެންމެ ކުރިއަރާފައިވާ އެއްކުންފުނީގެ ސްޓްރެޖިކް ޕްލޭނިންގ މެނޭޖަރެއްގެ މަޤާމު ލިބިފައެވެ.
އެ ކުންފުނީގައި ވަޒީފާ އަދާކުރާތާ 3 އަހަރުވަރުވީއިރު ކުންފުނީގެ އެއް ހިއްސާދާރާއި ނީޒްއާއި މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. އެގުޅުން ލޯތްބަށް ބަދަލުވިއެވެ. ނަމަވެސް ވަކި ހިސާބަކުން ނީޒްއަށް ކުރިމަތިވީ ވަރަށް ބޮޑު މައްސަލައެކެވެ.
ކައިވެނި ކުރެވެން އަންނަނީ ދޮގެއް ބުނެގެންނެވެ. ކުރިން ކައިވެންޏެއް ނުކުރާ ކަމަށް ބުނެގެންނެވެ. ކައިވެނި ކުރެވުނީ ނީޒްގެ އަމިއްލަ ޤައުމު، ޔަމަނުގައި ކަމަށްވުމުން އެކަން ސިއްރުކުރުމުގެ ފުރުޞަތު ނީޒްއަށް ކިތަންމެ ރަނގަޅަކަށްވެސް ލިބުނެވެ. އަދި އެ ފިރިމީހާ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވުމުން އެކަމުގައި ފަސްއަޅައި ފޮރުވުމުގެ ފުރުޞަތު ނީޒްއަށް ކިތަންމެ ރަނގަޅަކަށްވެސް ލިބުނެވެ.
އެހުރިހައި ކަންކަމާއިއެކުވެސް ނީޒް ބޭނުންވީ ދޮގެއް ނުބުނުމަށެވެ. ލޯބިވެރިޔާއަށް ހަޤީޤަތް ކިޔައިދިނުމަށްފަހު ދެމީހުން ދުރުވީއެވެ. ލޯބީގެ ގުޅުން އެކުގައި ކަނޑާލައި ދެ ރަޙްމަތްތެރިންނަށް ބަދަލުވީއެވެ.
އެއިގެ 2 އަހަރެއްހައި ދުވަސް ފަހެވެ. ނީޒްގެ މަސައްކަތުގެ ގޮތުން ނީޒް އާއި ވަރަށް ގާތް ގުޅުމެއް އޮންނަ އެހެން ކުންފުންޏެއްގެ ޗެއރމަންގެ އަނބިމީހާ ކުއްލި ގޮތަކަށް ނިޔާވެ އޭނާ އެކަނިވެރިވިއެވެ. އެއާއިއެކު ނީޒް އާއި އޮންނަ ގުޅުން އިތުރަށް ބަދަހިވާން ފެށިއެވެ.
ހަފްތާ ބަންދުގައި ކެއުމަކަށް ގޮސްތިބެ ދެކެވުނު ވާހަކައެއްގައި އޭނާގެ އެކަނިވެރިކަން ވަރަށް ރަނގަޅަށް ނީޒްއަށް ކިޔައިދިނެވެ. އަނބިމީހާ ނިޔާވުމުން ލިބުނު މާޔޫސްކަން ވެސް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އޭނާގެ ބޮޑު ގަނޑުވަރެއް ފަދަ ގޭގައި އެކަނި ދިރިއުޅެން ވަރަށް އުނދަގޫކަމަށްވެސް ބުންޏެވެ.
ވާހަކަ ނިމުނީ އެގޭގައި އުޅެން ދިއުމަށް ނީޒްއަށް ދިން ދައުވަތާއިއެކުގައެވެ. ނީޒް ވަރަށް ރަނގަޅަށް ވިސްނައިލުމަށްފަހު ޖަވާބު ދިނެވެ.
"ތިހާ ބޮޑު ގެއެއްގައި ދެމީހުން އެކަނި އުޅުން ރަނގަޅު ކަމަކަށް ނުވާނެއެވެ. ކިތަންމެ ގިނަ ޚާދިމުން ތިބި ނަމަވެސްމެއެވެ. ބޭނުންނަމަ ގެންދަންވީ ގޮތަށް ގެންދާށެވެ. އުފަލުން ދާނަމެވެ."
ނީޒްގެ ހަރުދަނާކަން އެނގުމުން އޭނާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ނީޒް ގެއަށް ގެންދާށެވެ. ދެމީހުން އެރޭ ރެސްޓޯރަންޓްގައި ތިބީ ހޭލައެވެ. އެކަކު އަނެކަކަށް ހަޔާތުގެ ވާހަކަތައް ކިޔައި ދިނުމަށެވެ. ފަތިސްވީފަހުން ދެމީހުން ވަކިވީ އޭނާގެ ގެއިން އެދުވަހު ހަވީރު 4:00 ގައި ބައްދަލުކުރަން ނިންމައިފައެވެ. އަދި އެބައްދަލުވުމުގައި ދެމީހުންގެ ކައިވެނިކުރަން ވެސް ނިންމައިފައެވެ.
ނީޒްއަށް ދެވަނަ ފިރިއަކު ލިބުނީއެވެ. ތަނަވަސްކަމުގެ ގޮތުން ބަލައިފިނަމަ ބިލިއަނަރެކެވެ. ހިއްޞާގެ ބާޒާރުގައި އެންެމެ ފުންނާބު އުސް އެއް ކުންފުނީގެ ވެރި ފަރާތެވެ. ނީޒް ޤަބޫލުކުރަނީ މިފަދަ މަތިވެރި ނިއުމަތެއް އޭނާއަށް މާތްﷲ މިންވަރުފުޅު ކުރެއްވެވީ ދޮގެއް ނުހެދުމަށް ކުރި މަސައްކަތުން ކަމަށެވެ.
ނީޒްގެ އެންމެ ބޮޑު ހިތާމައަކީ ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި ޢާއިލާގެ އެންމެން މަރުވެ އެކަނިވެރިވެފައިވާ ކަމެވެ. ޢާއިލާގެ މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތެއް ނެތުމެވެ. ނަމަވެސް ނީޒްގެ އެންމެ ބޮޑު އުންމީދަކީ މައިންބަފައިންނަށްޓަކައި އާޚިރަތް ދުވަހު ފައިދާކުރާނ ަކަންތައްތަކެއް ކޮށްދިނުމެވެ.
މިއީ 2017 ވަނަ އަަހަރުގެ ނޮވެމްބަރު މަހު ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ.