ޑަސްބިނަކަށް އެއްލާލާފައި އޮއްވާ، މިދިޔަ ހުކުރު ދުވަހު މޯރާދްއާބާދް އާގްރާ އިން ފެނުނު އުމުރުން އެންމެ ހަ މަހުގެ ތުއްތު އަންހެން ކުއްޖެއްގެ ފޮޓޯ ފެނުމާއިއެކު، އިންޑިއާއިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ބަޔަކު އެކުއްޖާ އެޑޮޕްޓް ކުރުމަށް، އިންޑިއާގެ ފުލުހުންގެ އިދާރާ އަށާއި ޗައިލްޑް ވެލްފެއާރ ކޮމިޓީ (ސީޑަބްލިއުސީ) އަށް އެއްވެއްޖެއެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު، ގިނަ އަދަދެއްގެ މީހުން އެތަންތަނަށް ޖަމާވިކަމުގައި ވިޔަސް، އެކުއްޖާ އަދި އެޑޮޕްޓް ކުރަން ދެވެން ނެތް ކަމަށް ބުނެ އެއެންމެން ވެސް ވަނީ ފޮނުވާލާފައެވެ.
ވެލްފެއާރ އިން މިހާރު އެތުއްތު ކުއްޖާއާއި ހަވާލުގެ، ރާމްޕޫރް ގައި ހުންނަ ޔަތީމު ޚާނާ އަކަށް ވަގުތީ ގޮތުން އެކުއްޖާ ގެންދެވިފައިވާއިރު، ވެލްފެއާއި އިން ބުނެފައިވަނީ އެމީހުން އެންމެ ފުރަތަމަ ބަލާނީ އެކުއްޖާގެ ބަޔަލޮޖިކަލް މައިންބަފައިން ހޯދޭތޯ ކަމަށެވެ. އެއަށްފަހު ކަންހިނގާފައިވާ ގޮތެއް ބަލާ ތަހުގީގު ކުރުމުގެ ކުރިން އެއްވެސް ފަރާތެއްގެ އަތް މައްޗަށް އެކުއްޖާ ދޫކޮށް ނުލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޑަސްބިނެއްގެ ތެރެއިން އެންމެ ފުރަތަމަ އެކުއްޖާ ފެނުފައިވަނީ މަގުމަތި ކުނިކަހަން އުޅުނު މަސައްކަތު އަންހެނަކަށެވެ. އޭނާ އެކުއްޖާ ނެގުމަށްފަހު، ތުއްތުކުއްޖާގެ ބަނޑުހައިކަން ފިލުވުމަށް ކިރު ދީ، ޑަސްބިނެއްގެ ތެރެއިން ކުޑަކުއްޖަކު ފެނިފައިވާކަން ކަމާއިބެހޭ ފަރާތްތަކަށް އެންގިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ އެޑޮޕްޓް ކުރަން އެއްވި މީހުންގެ ތެރޭގައި އެއަންހެން މީހާ ވެސް ހިމެނެއެވެ