ޑެންމާކްގެ ރާނީ މާގަރެޓް-ޓޫ ގެ ފިރިކަލުން ޕްރިންސް ހެންރިކް، ނިއުމޯނިއާ ޖެހިގެން އަވަހާރަ ވެއްޖެއެވެ. އުމުރުން 83 އަހަރުގައި ޕްރިންސް ހެންރިކް އަވަހާރަވީ ރޭގެ ވަގުތެއްގައި ފްރެޑެންސްބޯގް ގަނޑުވަރުގައެވެ.
އެގަނޑުވަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުއްޕާމޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު، ޕްރިންސް ހެންރިކް ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު ކަމަށާއި އެމަނިކުފާނުގެ ޙަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނުމަށްޓަކައި އަލުން ގަނޑުވަރަށް އިއްޔެ ބަދަލު ކުރެވިފައިވާ ކަމަށެވެ.
ޑެންމާކްގެ ރާނީ މާގަރެޓް އާއި ޕްރިންސް ހެންރިކް ކައިވެނި ބައްލަވައިގަތީ 1967 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެކަމަނާގެ އިސްތަށިފުޅުގައި ރާނީ ކަމުގެ ތާޖު އެޅުވުނީ 1972 ވަނަ އަހަރުއެވެ.
ރާނީ މާގަރެޓް އަށް ރާނީކަން ލިބުމުން ވެސް ޕްރިންސް ހެންރިކް ގެ "ލަގަބަށް" ބަދަލެއް ނައުމުން އެމަނިކުފާނު ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. ޕްރިންސް ހެންރިކް ވިދާޅުވި ގޮތުގައި އަނބިކަނބަލުންނަށް "ރާނީ" ކަން ލިބުމުން، އޭނާ ވާން ޖެހޭނީ "ރަސްގެފާނު" އަށެވެ.
ޑެންމާކްގެ ރައްޔިތުންނަށް އާންމު ޚިދުމަތްތައް ކޮށްދެއްވުމުން ޕްރިންސް ހެންރިކް ވަނީ 2016 ވަނަ އަހަރު އިސްތިއުފާ ދެއްވާފައެވެ. އަދި އަވަހާރަވުމަށްފަހު، އަނބިކަނބަލުން ރާނީ މާގަރެޓް ގެ މަހާނައާއި ގާތުގައި ވަޅުނުލުމަށް އެމަނިކުފާނު އެދިލައްވާފައިވެއެވެ. އެއީ އެކަމަނާއާއި އެއްހަމައެއްގައި ދުވަހަކުވެސް ޕްރިންސް ހެންރިކް ބަހައްޓާފައި ނުވުމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.