އެމެރިކާގެ ސްކޫލެއްގައި ބަޑި ޖަހައި 17 މީހަކު މަރާލައިފި
އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި ހުންނަ ސްކޫލެއްގައި ބަޑި ޖަހައި 17 މީހަކު މަރާލައިފިއެވެ.
އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ފްލޮރިޑާ ސްޓޭޓްގައި ހުންނަ މާޖޮރީ ސްޓޯންމަން ޑައޮގްލަސް ހައި ސްކޫލްގައި ބަޑި ޖަހާފައިވަނީ އަޚުލާޤީ މައްސަލަތަކެއްގައި އެ ސްކޫލުން ކަނޑާލާފައިވާ ދަރިވަރެއްކަމަށްވާ އުމުރުން 19 އަހަރުގެ ނިކޮލަސް ކްރޫޒްކަމަށެވެ. ކްރޫޒް މިހާރު ހުރީ ފްލޮރިޑާ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފްލޮރިޑާ ސްޓޭޓްގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އޭއާރު-15 ރިފްލް ބްރޭންޑްގެ ބަޑިއަކުން ކްރޫޒް ސްކޫލް އިމާރާތުގެ ބޭރުގައި ދެ މީހަކު މަރާލާފައިވާ ކަމަށާއި އެއަށްފަހު މީހުން މަރާލީ ސްކޫލްގެ އިމާރާތް ތެރެއަށް ވަނުމަށްފަހުގައި ކަމަށެވެ. މަރާލި މީހުންގެ ތެރޭގައި ދަރިވަރުންނާއި މުދައްރިސުން ވެސް ހިމެނެއެވެ.
2012 ވަނަ އަހަރުގެ ފަހުކޮޅުގައި އެމެރިކާގެ ކަނެކްޓިކަޓް ސްޓޭޓްގައި ހުންނަ ސްކޫލެއްގައި ބަޑިޖަހާ 26 މީހުން މަރާލި ހާދިސާއަށް ފަހުގައި މިއީ އެމެރިކާގެ ސްކޫލެއްގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.