ދެކުނު އެފްރިކާގެ ރައީސްކަމުން ޒޫމާ އިސްތިއުފާ ދެއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ދެކުނު އެފްރިކާގެ ރައީސްކަމުން ޒޫމާ އިސްތިއުފާ ދެއްވައިފި

ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެކުނު އެފްރިކާގެ ރައީސްކަމުން ޒޫމާ އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ ނިސްބަތްވާ ޕާޓީ އަދި އެ ޤައުމުގެ ވެރިކަންކުރާ ޕާޓީ، އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ނިންމާފައިވަނިކޮށެވެ.

ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވަމުން ޤައުމާ މުހާތަބުކޮށް ޒޫމާ ވިދާޅުވީ ދެކުނު އެފްރިކާގެ ރައްޔިތުން ތަމްސީލްކޮށް ޤައުމުގެ ވެރިކަންކުރުމުގެ ފުރުސަތު ލިބުނީ އޭއެންސީއިން ކަމަށާއި އޭއެންސީގެ ނިންމުމަށް ތާއީދުނުކުރި ނަމަވެސް އެކަމަށް ބޯލަނބާނެކަމަށެވެ. އެހެން ނަމަވެސް، ދެކުނު އެފްރިކާއަށާއި އޭއެންސީއަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެކަމަށް ވެސް ޒޫމާ ވިދާޅުވިއެވެ. ޒޫމާ ވިދާޅުވީ ކޮންމެ ވެރިޔަކަށް ވެސް ޚިދުމަތްކުރުމަށް ރައްޔިތުން ދިން ވަގުތު ނިމުމަކަށް އަންނާނެކަން ކޮންމެ މީހަކު ވެސް ޤަބޫލުކުރަންޖެހޭނެކަމަށެވެ.

ދެކުނު އެފްރިކާގެ ޤާނޫނު އާސާސީގައިވާ ގޮތުގައި، ދެން އެ ޤައުމުގެ ވެރިކަމަށް އަންނާނީ ނައިބު ރައީސް ސީރިލް ރަމަފޮސާއެވެ. ރަމަފޮސާއަކީ މިދިޔަ ޑިސެމްބަރުގެ މަހުގައި ބޭއްވި އޭއެންސީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރައްވައި އެ ޕާޓީގެ އާ އިންތިޚާބީ ލީޑަރު ވެސް މެއެވެ.

ރައީސްގެ މަޤާމުން ޒޫމާ އިސްތިއުފާ ދެއްވައި އޭނާގެ ވެރިކަން ނިމުމަކަށް އައިސްފައިވާއިރު، އެ ޤައުމުގެ ކޯޓުތަކުގައި ޒޫމާއަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އެތައް މައްސަލައެއް ކުރިއަށް އެބަދެއެވެ.
މިއަދު އޮންލައިން