ދެމަފިރިން އެއް ބައިސްކަލެއް ދުއްވާފަ 12،000 ކިލޯ މީޓަރުގެ ސަރަހައްދެއް ހުރަސްކޮށް އިންޑޮނޭސިއާ އިން މައްކާއަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ދެމަފިރިން އެއް ބައިސްކަލެއް ދުއްވާފަ 12،000 ކިލޯ މީޓަރުގެ ސަރަހައްދެއް ހުރަސްކޮށް އިންޑޮނޭސިއާ އިން މައްކާއަށް
އިންޑޮނޭސިއާގެ 35 އަހަރުގެ ދެމަފިރިން ކަމަށްވާ ޙަކަމް މަބުރޫރީ އާއި ރޮފިންގަތުލް އިސްލާމިއާ އިންޑޮނޭސިއާ އިން ބައިސްކަލެއްގައި މައްކާއަށް ހިނގައްޖެއެވެ. 7 ޤައުމެއް ހުރަސްކޮށް 12،000 ކިލޯ މީޓަރަށް ދެމަފިރިން ދުއްވީ ދެމަފިރިންނަށް އެކުގައި ދަތުރުކުރެވޭ ފަދަ ބައިސްކަލެކެވެ.



މިބައިސްކަލް ޑިޒައިން ކުރީ ވެސް ދެމަފިރިން އަމިއްލައަށެވެ. ލަގެޖްވެސް އުފުލޭ ގޮތަށް ބައިސްކަލް ޑިޒައިން ކުރުމަށްފަހު ބައިސްކަލް އުފައްދާ ފެކްޓަރީއަކާއި ހަވާލުކޮށްގެން ދަތުރަށް ޚާއްޞަ ބައިސްކަލެއް އުފައްދުވައިގެން ދަތުރުފެށީއެވެ.

މިދަތުރުގައި ހުރަސްކުރި ޤައުމުތަކުގެ އެންޖީއޯތަކުން ވަނީ ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔަވައިފައެވެ. އަދި ދެމަފިރިން ޤައުމުތަކުގައި ދަތުރުކުރީ އިސްލާމް ދީން މަތިވެރިކުރުމަށް މަސައްކަތްކުރަމުންނެވެ. އިސްލާމް ދީނަކީ ޞުލްހައާއި ލޯބީގެ ދީނެއްކަން ބަޔާންކޮށްދީ މެސެޖްތައް ދެމުންނެވެ.



"އަހަރެމެން އެއް ބައިސްކަލެއްގެ ދެ ފުރޮޅު އެނބުރީ ސަބަބުތަކެއް އޮވެގެން. ދެމަފިރިންގެ ހަޔާތަކީ ދެމީހުންގެ މަސައްކަތްތަކުން ކުރިއެރުވޭނެ އެއްޗެއްކަން ދައްކައިދޭން. ދެމީހުން އެއްބާރުލައިގެން މަސައްކަތްކުރުމުން ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނެކަން ދުނިޔެއަށް ދައްކައިދޭން."

"ހަޔާތުގައި ހުރަސްތަކާއި ބުރަތައް ކުރިމަތިވާނެ. އުހަށް އަރަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެ. އެ މަސައްކަތްތަކުގައި ދެމީހުން އެއްވަރަށް އެއްބާރުލައި މަސައްކަތްކުރަންޖެހޭނެ. ހަޔާތުގައި ދިމާވާނެ ދަތިތަކާވެސް. އެހާލަތުގައި ދެމީހުން ކެތްތެރިވާން ޖެހޭނެ. އެކަކު އަނެކަކަށްޓަކައި ޤްރްބާންކުރަންޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ. އެކަން މި ދަތުގައި މިދައްކައިދިނީ. އެކުގައި އެއް ބައިސްކަލެއް ދުއްވުމަކީ މިކަންކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވޭ ކަމެއް."

މަބްރޫރީ ބުނީ ދަތުރުގައި އޭނާ އިނީ ބައިސްކަލްގެ ކުރީ ސީތުގައި ކަމަށާއި އެކަން އެގޮތަށް ކުރީ އިސްލާމް ދީނުގައި އޮތް ގޮތަށް އަމަލުކުރުމަށް ކަމަށެވެ. ދެމަފިރިންގެ ކައިވެންނަށް 4 އަހަރުވެފައިވާއިރު ދެމަފިރިން މިހާރު ތިބީ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ދާދިއަވަހަށް އުފަންވާނެ ކަމުގެ ފޮނި އުންމީދުގައެވެ.



މިދަތުރުކުރީ ބަނޑުގައި އޮތް ދަރިފުޅާއިއެކުގައެވެ. ދަރިފުޅަށް ކިޔަން ދެމަފިރިން ޤަޞްދުކޮށްފައިވާ ނަމަކީ މުކާފޭ އެވެ. މާނައަކީ ކާމިޔާބީ ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާ މީހާއެވެ.

ދަތުރަށް ތައްޔާރުވުމުގެ ގޮތުން މަބްރޫރީ ވަނީ ބައިސްކަލް މަރާމާތުކުރުމަށާއި ކައްކަން ދަސްކޮށްފައެވެ. ދަތުރުގައި މައިގަނޑު ކެއުން ބޭނުންކުރީ އަމިއްލައަށް ކައްކައިގެންނެވެ. ފެން ބޭނުންކުރީ އަމިއްލައަށް ފިލްޓަރުކޮށްގެންނެވެ.



މިދަތުރުގައި ދެމަފިރިންވަނީ މެލޭސިޔާ، ތައިލަންޑް މިޔަންމާ، އިންޑިއާ އުރުދުން އަދި މިޞުރުގެ މަގުތަކުގައި ދަތުރުކޮށްފައެވެ. ވިސާ ހޯދުމަށްޓަކައި ބައެއް ޤައުމުތަކުގައި މަހެއްހައި ދުވަހު ވެސް މަޑުކުރަން ވަނީ ޖެހިފައެވެ.

މިއަހަރުގެ ރަމަޟާން މަސް ދެމަފިރިން ހޭދަކުރީ ތައިލެންޑްގެ މުސްލިމުންނާއިއެކުގައެވެ. އަޟްޙާ ޢިދު ހޭދަކުރީ އުރުދުންގައެވެ. ޢުމުރާވުމަށްފަހު ދެމަފިރިން އެނބުރި ޤައުމަށްދާނީ ފްލައިޓުގައެވެ.
މިއަދު އޮންލައިން