އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 15 ދަރިވަރުންނާއި 2 މުވައްޒިފުން މަރައިލީ އެތަނުގައި "ޝައިޠާނުންތަކެއް އެބައުޅޭ" ކަމަށް އޭނާގެ ބޮލުތެރެއިން އަޑެއް އިވިގެން ކަމަށް ޤާޠިލް އުމުރުން 19 އަހަރުގެ ނިކޮލަސް ކްރޫޒް ބުނެފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ހިންގި މި ޖަރީމާ އާއި ގުޅިގެން ބަންދުން މިނިވަން ނުވެވޭ ގޮތަށް އޭނާ ވަނީ ބަންދުކޮށްފައެވެ. މިހައިތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އޭނާ ކުރިން އުޅުނު ސްކޫލުންވެސް އޭނާ ވަކިކޮށްފައިވަނީ ސްކޫލްތެރޭގައި ބަޑިޖަހަން އުޅެގެންނެވެ.
ފުލުހުން ބުނީ ތަޙްޤީޤްގައި އޭނާ އެގޮތަށް ބުނެފައިވީ ނަމަވެސް އެކަން ޤަބޫލުނުކުރާ ކަމަށެވެ. ފުލުހުން ބުނީ ހަމަލާދިނުމަށް އޭނާ ބޭނުންކުރި ރައިފަލަކީ މީގެ އަހަރެއްހައި ދުވަސްކުރިން ޤަވާއިދުން ގަނެފައިވާ ރައިފަލެއް ކަމަށެވެ.