މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް އެސްޓީއޯ
މި ފެށުނު އާ ސީޒަންގެ މާލޭ ލީގައި މިނިވަން ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.
ސްޕޮންސާ އެއްބަސްވުމުގައި ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
މިދިޔަ ސީޒަންގައި ފުޓުބޯޅައިގެ މައި އޮނިގަނޑަށް ގެނެވުނު ބަދަލާއެކު، ރާއްޖޭގެ ފުޓުބޯޅަ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާނީ އަތޮޅުތެރޭގެ ޓީމުތަކުގެ މެދުގައި ކުޅެވޭ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ ހަތަރު ޓީމާއި މާލޭގެ ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ މެދުގައި ކުޅެވޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށެވެ. މި ސީޒަންގައި އަނެއްކާ ވެސް މާލޭ ލީގުގެ ގަދަ ހަ ޓީމަށް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރެވޭ ގޮތަށް ފުޓުބޯޅަ އޮނިގަނޑަށް ވަނީ ބަދަލު ގެނެސްފައެވެ.
މި އާ ފުޓުބޯޅަ އޮނިގަނޑުގެ ދަށުން، މިދިޔަ ސީޒަންގައި މާލެ ލީގު ކާމިޔާބުކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއެވެ. މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ދ.ކުޑަހުވަދޫއެވެ. ދިވެހި ޕްރެމިއާ ލީގު ކާމިޔާބުކޮށްފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއެވެ.
މިިދިޔަ ސީޒަންގައި ވެސް މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކީ އެސްޓީއޯއެވެ.