މަސްޖިދުލް ޙަރާމްގައި، ހަތަރު އަންހެނަކު ތާސްކުޅެން އިން މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ސައުދީ އަރަބިޔާގެ ނޫސްއޭޖެންސީ އެއް ކަމަށްވާ އޯކޭޒް އިން އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެއްކޮށް ނިވާވެގެން ތިބި ހަތަރު އަންހެނަކު ރޭގެ ވަގުތެއްގައި މަސްޖިދުލް ހަރާމްގައި ތާސްކުޅެން އިންދާ ވަނީ ފެނިފައެވެ. އެހަތަރު އަންހެނުން، މަސްޖިދުލް ޙަރާމްގެ ތަޅުންގަނޑުގައި ދެފައި ވައްކޮށްގެން އިށީންދެ، ތާސްކުޅެން އިން މަންޒަރު ބައެއް މީހުން ވަނީ ފޮޓޯ ނަގާފައެވެ.
މިފޮޓޯ ފެނުމަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ވަނީ މިހަތަރު އަންހެނުންނާއި މެދު ނުރުހުން ފާޅުކޮށްފައެވެ. ބައެއް ޝެއިޚުން ބުނެފައިވާ ގޮތުގައި އިސްލާމީ ޝަރީއަތާއި ޤާނޫނުގައި، ތާސް ކުޅުމަކީ ޙަރާމް ކަމެކެވެ. އެހެންކަމުން މިފަދަ ނުބައި ޢަމަލެއް، އެންމެ މާތް ބިމުގައި ކުރުމަކީ ވެސް އެބިމުގެ ޙުރުމަތް ކަނޑާލުން ކަމުގައިވެސް ޝެއިޚުން ބުނެފައިވެއެވެ.
މަސްޖިދުލް ޙަރާމްގައި މިހަތަރު އަންހެނުން ތާސްކުޅެން ތިބިކަން އެނގުމުން، އެމިސްކިތުގެ އޮޕަރޭޝަން ރޫމުން ބައެއް އޮފިޝަލުން އެތަނަށް ގޮސް، އެހަތަރު އަންހެނުންނާއި ވާހަކަ ދައްކާ އެމީހުން އެތަނުން ފޮނުވާލިއެވެ.
ތާސްކުޅުން ފަދަ މާތް ﷲ ނަޙީ ކުރައްވާފައިވާ ކަމެއް، އެކަލާނގެއަށް އަޅުކަން ކުރާ ތަނެއްގައި (މިސްކިތުގައި) ކުޅުމަކީ އެމީހުން އެކަލާނގެއަށް އިޚްތިރާމް ނުކުރާކަމުގެ އެއް ހެކި ކަމަށް އޮކޭޒްގެ ރިޕޯޓުގައި ބުނެފައިވެއެވެ. މިފަދަ ދަށު ދަރަޖައިގެ ޢަމަލެއް އެއްވެސް މިސްކިތެއްގައި ނުކުރުމަށް ހުރިހާ މުސްލިމުން ވެސް ހަނދުމަ ކުރަންވާނެއެވެ.