ދެވަނަ ލެގުގައި ބެންގަލޫރު އަތުން ބޮޑު ތަފާތަކުން ބަލިވެ ޓީސީ ކަޓައިފި
އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ ޕްލޭއޮފް ބުރުގެ ދެވަނަ ލެގުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވެ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުން ކަޓައިފިއެވެ.
މާލޭގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު ނިމުނީ 2-3 ގެ ނަތީޖާއިން ބެންގަލޫރު މޮޅުވެގެންނެވެ. އިންޑިއާގައި ރޭ މި ދެ ޓީމު ބައްދަލުކުރި ދެވަނަ ލެގު ބެންގަލޫރުން މޮޅުވީ 0-5 ގެ ތަފާތު ބޮޅު ނަތީޖާއަކުންނެވެ. އެހެންވުމުން، 2-8 ގެ އެގްރިގޭޓް ނަތީޖާއިން ޕްލޭއޮފް ބުރު ކާމިޔާބުކުރީ ބެންގަލޫރުންނެވެ.
އިންޑިއާގެ ބެންގަލޫރުގައި ކުޅުނު މި މެޗުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މި ލަނޑު ބެންގަލޫރަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފިލްޑަރު ޓޯނީއެވެ. މެޗުގެ 34 ވަނަ މިނެޓުގައި ބެންގަލޫރުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޓޯނީއެވެ. އޭގެ މިނެޓެއް ފަހުން ބެންގަލޫރުގެ އޮސްޓްރޭލިއާ މިޑްފިލްޑަރު އެރިކް ޕާޓަލޫ ލަނޑެއް ޖަހައި އެ ޓީމަށް ތިން ލަނޑުގެ ލީޑެއް ހޯދައިދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-3 ގެ ނަތީޖާއިން ބެންގަލޫރު ލީޑުގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މެޗުގެ 48 ވަނަ މިނެޓުގައި ޓޯނީ ލަނޑެއް ޖަހައި މެޗުގައި އޭނާގެ ހެޓްރިކެއް ފުރިހަމަ ކުރިއެވެ. މެޗުގެ 61 ވަނަ މިނެޓުގައި މެޗުގެ ރެފްރީ ވަނީ ޓީސީގެ މިޞްރު ޑިފެންޑަރު އަލާއަލް މަގްރަބީއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މެޗުގައި ފެނިގެން ދިޔަ ބެންގަލޫރުގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި ޑިފެންޑަރު ރާހުލް ބެކޭއެވެ.
ޕްލޭއޮފް ބުރު ކާމިޔާބުކުރުމުން ބެންގަލޫރަށް ވަނީ މުބާރާތުގެ ދެކުނު އޭޝިއާ ޒޯންގެ ގްރޫޕުން ޖާގައެއް ލިބިފައެވެ. ބެންގަލޫރުގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ އިންޑިއާގެ އައިޒައުލް އެފްސީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ، އަދި ރާއްޖޭގެ ނިއު ރޭޑިއަންޓެވެ.