ސިލްވެސްޓާ ގެ މެސެޖު: އަހަރެން އަދި މަރެއް ނުވޭ!

ކިޔުމަށް ހޭދަވާނީ 1މ 21ސ
ސިލްވެސްޓާ ގެ މެސެޖު: އަހަރެން އަދި މަރެއް ނުވޭ!
ހޮލީވުޑް ގެ މަޝްހޫރު މެގާ ސްޓާ ސިލްވެސްޓާ ސްޓެލޯން މަރުވެއްޖެކަމަށް މީސްމީޑިއާ ގައި ދާދިފަހުން ފެތުރެމުން ދިޔަ ވާހަކަތަކަށް، ވީޑިއޯ އަކުން އޭނާ ރައްދު ދީފިއެވެ.

އުމުރުން 71 އަހަރުގެ ސިލްވެސްޓާ އަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހިގެން މަރުވެއްޖެކަމަށް ފެތުރެމުން ދިޔަ ވާހަކަތަކަށް ރައްދު ދެމުން، ބެލުންތެރިންނަށް އޭނާ ދީފައިވާ މެސެޖަކީ އޭނާ އަދި މަރު ނުވާ ކަމަށެވެ.

އެކަން ހާމަކުރަމުން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ސިލްވެސްޓާ ވަނީ އޭނާގެ ދަރިންނާއިއެކު ނަގާފައިވާ ވީޑިއޯ އެއް ޕޯސްޓު ކޮށްފައެވެ. އެވީޑިއޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވަނީ މަރުވުމަށްފަހު އަލުން ދިރިގެން އައުމުން ވަރަށް އުފާވާ ކަމަށެވެ.

މީސްމީޑިއާ އާއި އެނޫންވެސް ތަންތަނުން ސިލްސެވްޓާ "މަރާލި" މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ވެސް، އޭނާ މަރުވެއްޖެކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. އެފަހަރުވެސް ސިލްވެސްޓާ ވަނީ އޭނާ އަދި މަރު ނުވާކަން ބެލުންތެރިންނަށް ސާބިތު ކޮށްދީފައެވެ.

ކެންސަރު ޖެހިގެން ސިލްވެސްޓާ މަރުވެއްޖެކަމަށް ބުނި ޕޯސްޓުގައި ވަނީ، އޭނާގެ ބޮލުން އިސްތަށި ފައިބާފައި ހުރި ފޮޓޯތަކެއް ވެސް ދައްކާފައެވެ. ނަމަވެސް "ސްނޯޕްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއީ ސިލްވެސްޓާ ދެން ކުޅުމަށް ހަމަޖެހިފައިވާ ފިލްމް "ކްރީޑް 2" ގައި އޭނާ ފެނިގެންދާނެ ގޮތެވެ. އެފިލްމުގައި ސިލްވެސްޓާ ކުޅެނީ ކެންސަރު ޖެހިފައިވާ ރޮކީ ބެލްބޯ ނަމަކަށް ކިޔާ މީހެއްގެ ރޯލެވެ.
މިއަދު އޮންލައިން