ވިކްޓަރީ ބަލިކޮށް އީގަލްސްއިން މާލޭ ލީގުގެ ފެށުން ރަނގަޅުކޮށްފި
އިއްޔެ ހަވީރު ފެށި މާލޭ ލީގުގެ ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު އީގަލްސް ކާމިޔާބުކޮށް ލީގުގެ ފެށުން އެ ކްލަބުން ރަނގަޅުކޮށްފިއެވެ.
ކޯޗު މޯހަންގެ އިރުޝާދުގެ ދަށުން އީގަލްސްއިން މި މެޗު ކާމިޔާބުކުރީ 1-4 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވިކްޓަރީއިންނެވެ. ވިކްޓަރީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސިމޮން ޓީބޯ ސޯޑާސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ވިކްޓަރީ ލީޑުގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާއެކު އީގަލްސްއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އީގަލްސްއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމެވެ.
މެޗުގެ 64 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް މެޗުގެ ލީޑު ނަގައިދިނީ ލުއިޒް އެޑުއާޑޯއެވެ. މި ޕެނަލްޓީއަކީ ޕެނަލްޓީ އޭރިއާގެ ތެރޭގައި ވިކްޓަރީގެ ޑިފެންޑަރު ޔޯކުއިން ކާލޯސް ގާސިއާގެ އަތުގައި ޖެހުމުން މެޗުގެ ރެފްރީ ދިން ޕެނަލްޓީއެކެވެ.
އީގަލްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ރާއިފު (ހަންނާ) އެވެ. މެޗުގައި ފެނިގެން ދިޔަ އީގަލްސްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
މި އަހަރުގެ ފުޓުބޯޅަ ސީޒަންގެ އޮނިގަނޑު ރޭވިފައިވާ ގޮތުން، މާލޭ ލީގުގެ ގަދަ ހައަކުން ޖާގަ ލިބޭ ޓީމުތައް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާނެއެވެ. އަދި އަތޮޅުތެރޭގެ ޓީމުތަކުގެ ތެރޭގައި ކުޅޭ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ ހަތަރުކުން ޖާގަ ލިބޭ ޓީމުތައް ދިވެހި ލީގުގައި ވާދަކުރާނެއެވެ.