މާޒިއާއާއި ގްރީންގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ކިޔުމަށް ހޭދަވާނީ 1މ 27ސ
މާޒިއާއާއި ގްރީންގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް


އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ހަމަހަމަވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފު ފެށިގެން މާޒިޔާއިން ކުރިއަށް ޖެހިގެން ގްރީންގެ ޑިފެންސަށް ޕްރެޝަރު ކުރަމުންދިޔަ މަންޒަރު ފެނިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 17 ވަނަ މިނެޓުގައި މާޒިޔާއިން ލަނޑެއް ޖަަހައި ލީޑު ނެގިއެވެ. މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށްފަހު މި ސީޒަންގައި މާޒިޔާއަށް ބަދަލުވި ވިންސެންޓްގެ ސްޓައިކަރު ކޯނެލިއަސް ސްޓެވާޓްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ސްޓެވާޓްގެ ލަނޑުން މާޒިޔާ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. މާޒިޔާގެ ދެވަނަ ލަނޑު ޖަހައި އެ ޓީމަށް މެޗުގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ވެސް ކާމިޔާބުކުރި ކޯނެލިއަސް ސްޓެވާޓްއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ގްރީންގެ ބިދޭސީ ޑިފެންޑަރު އޮލެ އެފިމްޗަކް ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ލީޑު ހަނިކުރިއެވެ. ގްރީނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ ފަހު މިނެޓުގައި އިލިއާ ސްބޮލްއެވެ.

އިއްޔެ ފެށި މާލޭ ލީގުގެ ދެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. މިއަދު ހަވީރު ބައްދަލުކުރާނީ މިދިޔަ ސީޒަންގައި ދިވެހި ޕްރެމިއާ ލީގު ކާމިޔާބުކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މިރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާއި ކްލަބް ވެލެންސިއާއެވެ.

މިއަދު އޮންލައިން