މިހަމަލާތަކުގެ ސަބަބުން، މިހިނގާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސީރިއާގެ އިރުމަތީ ޣޫތާ އިން ވަނީ އާންމުންގެ 500 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސީރިއާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި އެއް އާއިލާއަކުން ނުވަ މެމްބަރުން ވެސް މަރުވެފައިވާ ކަމަށެވެ.
މިފަދަ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި، ބިމުއަޑީގައި ސީރިއާގެ ބައެއް ކުޑަކުދިން މިހާރުވެސް ފިލާ އެބަތިއްބެވެ. މުޅި ދުނިޔެއަށް އެކުދިން ކުރާ އާދޭހަކީ، މިނާމާންކަމުން އެކުދިން ސަލާމަތް ކޮށްދިނުމެވެ.
"ކާނެ އެއްޗެއް އަހަރުމެން ބޭނުން. މިކަންތައްގަނޑުން އަހަރުމެން ސަލާމަތް ކޮށްދީ. ކޮންމެ ދުވަހަކު މިތަނުގައި އެބަ ބޮންގޮއްވާ. އަހަރުމެން ފިލާ މިތިބީ ބިމު އަޑީގައި. މިތަނުން ބޭރަށް ނިކުންނަން އަހަރުމެން ބިރުގަނޭ. މިއީ ކޮންކަހަލަ ދިރިއުޅުމެއް؟ އަހަރުމެންނަށް ވާވަރު ވެއްޖެ. މިތަނުގައި އަހަރުމެން ބޯނެ ފެންފޮދެއް ވެސް ނުލިބޭ. އަހަރުމެން ނިދަނީވެސް ބިންމަތީގައި، އެކަމުގެ ސަބަބުން އަހަރުމެންގެ ބުރަކައްޓަށް ވެސް ތަދުވޭ. ބާލީހެއް ހޯދަން ބޭރަށް ނިކުމެއްޖިއްޔާ އެމީހުން ބޮމެއް ގޮއްވާ، އަހަރުމެން މަރާލާނެ. މިތަނުގައި ވަނީ ކިހިނެއްކަމެއް ނޭނގޭތަ؟ މާތް ﷲ ބަޝާރު އަށް މިކަމުގެ ޖަޒާ ދެއްވާށި. ބަލަ މިތަނުގައި ބަނޑަށް ތިބެ މިމަރުވަނީ ކުޑަ ކުދިންނޭ.
ކޮންކަމެއްތަ އަހަރުމެންގެ ކިބައިން ބޭނުންވަނީ؟
އޭހުރިހާ މީސްތަކުންނޭ. އަހަރުމެން ބޭނުންވަނީ ސުލްޙަވެރިކަމާއި އަމަން އަމާންކަން. އަހަރުމެން ބޭނުންވަނީ ރައްކާތެރިކަން. ޢަރަބި އެއްވެސް ޤައުމަކުން އަހަރުމެންނާ އަޅައެއް ނުލާ. އެންމެން ވެސް ތިބީ އަހަރުމެން މަތިން ހަނދާން ނައްތާލާފަ. އަހަރުމެންނާއިއެކު ވަނީ ހަމައެކަނި މާތް ﷲ"