ފަސޭހަކަމާއެކު ޓީސީ ބަލިކޮށް ނިއުއިން ފެށުން ރަނގަޅުކޮށްފި
އެސްޓީއޯ މާލޭ ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު މޮޅުވެ ނިއުއިން ފެށުން ރަނގަޅުކޮށްފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ނިއު މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވެސް ނިއުއިން ދިޔައީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރަމުންނެވެ. އެހެން ނަމަވެސް ނިއުއިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވެގެން ދިޔައީ ޓީސީގެ ގޯލްކީޕަރު އިފްރާހު އަރީފެވެ. ނިއުއަށް ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިދިނީ މެޗުގެ 43 ވަނަ މިނެޓުގައި މުހައްމަދު އުމައިރު ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ އުމައިރުގެ ލަނޑުން ނިއު ލީޑުގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް އެޓޭކިން ކުޅުމެއް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް، ޓީސީގެ ކުޅުމަށް ބުރޫއު އަރާފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައި އަހުމަދު ރިލްވާން (ބެން) އަށް ސީދާ ރަތް ކާޑެއް ދައްކައި މެޗުން ފޮނުވާލި ހިސާބުންނެވެ. މި ކަމުގެ ފައިދާ ނަގައި ނިއުއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 85 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުގައި ނިއުއަށް ކާމިޔާބުކޮށްދިން ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަމީރީއެވެ.
މާލޭ ލީގުގައި ރޭގައި ވެސް ވަނީ މެޗެއް ކުޅެފައެވެ. ކްލަބް ވެލެންސިއާއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މި މެޗު ނިމުނީ 0-3 ގެ ނަތީޖާއިން ޔޫވީ މޮޅުވެގެންނެވެ. މި މެޗުގައި ޔޫވީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަލީ ހައިޝަމް (ޗުމްޕު) އާއި ބިދޭސީ ފޯވާޑު ޑެވޯނޭއެވެ.
މި މެޗުތަކާއެކު، މާލޭ ލީގުގެ ފުރަތަމަ ހަފުތާގެ މެޗުތައް ކުޅެ ނިމުނީއެވެ. ލީގުގެ ދެވަނަ ހަފުތާގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުއެެވެ. ހުކުރު ދުވަހު ހަވީރު ބައްދަލުކުރާނީ ޔޫވީއާއި ވިކްޓަރީއެވެ. ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުއާއި މާޒިޔާއެވެ. ހޮނިހިރު ދުވަހުގެ ހަވީރު ޓީސީ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭނީ އީގަލްސްއާއި ވެލެންސިއާއެވެ.