ސައުދީ ރަސްގެފާނު އާމީ ޗީފް އާއި އިސްކޮމާންދަރުތަކެއް މަޤާމުން ދުރުކުރައްވައިފި
ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރޭ ދަންވަރު ނެރުއްވި ކުއްލި އަމުރެއްގައި ޤައުމުގެ އާމީ ޗީފް އާއި އިތުރު ކޮމާންޑަރުންތަކެއް މަޤާމުން ދުރުކުރައްވައިފިއެވެ. އެއްވެސް ސަބަބެއް ވެސް ބަޔާންކުރައްވާފައެއް ނުވެއެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓްރީ ހިންގުމުގެ ނިޒާމަށްވެސް ވަނީ ބަދަލުތަކެއް ގެންނަވައިފިއެވެ. މިނިސްޓްރީގެ އިސް މަޤާމުތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް ވަނީ ގެންނަވައިފައެވެ.
ސައުދިއަރަބިޔާގައި މިފަދަ ބޮޑެތި ބަދަލުތަކެއް މިގެނެވުނީ ސައުދީ ސަރުކާރުން މިހާރު ވެރިކަމުގެ ނިޒާމަށް ގެންނަމުންދާ ބަދަލުތަކާއިމެދު ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުލުކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.
މީގެ އިތުރުން އަލްޖައުފުގެ ގަވަރުނަރު ކަމުން ޕްރިންސް ފަހްދް ބިން ބަދްރް ވަކިކުރައްވައި އެމަޤާމަށް ޕްރިންސް ބަދްރް ބިން ސުލްޠާން ވަނީ ހަަމޖައްސަވައިފައެވެ. ވަކިކުރެއްވި ގަވަރުނަރަށް ވަނީ ގަނޑުވަރުގެ ވަޒީރެއްގެ ދަރަޖަ ދެއްވައިފައެވެ.